ޓެސްލާ ކުންފުނީގެ ފައުންޑަރު އަދި ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގެ ކުރީގައި ނަން ހިމެނޭ އެލަން މަސްކުގެ އިންޑިއާ ދަތުރު ފަސްކޮށްފިއެވެ.
އަންނަ ހަފުތާގައި އިންޑިއާއަށް ކުރަން ރާވާފައި އޮތް ދަތުރު ފަސްކުރިކަން ހާމަކޮށް މަސްކު ބުނެފައިވަނީ ޓެސްލާއާ މެދު ކުރިމަތުވަމުންދާ ސުވާލުތަކާއި ޓެސްލާގެ ކުރިމަގަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުގެ ސަބަބުން ދަތުރު ލަސްކުރީ ކަމަށެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ޓެސްލާއިން ނެރުނު ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޓެސްލާގެ ސޭލްސް ދަށްވެ އެކަމުގެ ސަބަބުން ގިނަ ސުވާލުތަކެއް ވަނީ ކުރިމަތިވެފައެވެ.
މަސްކުގެ އިންޑިއާ ދަތުރު ފަސްކުރި ނަމަވެސް ފަސްކުރީ ކިހާ ދުވަހަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ޓްވީޓުގައި ވަނީ މި އަހަރު ތެރޭ އިންޑިއާއަށް ދަތުރުކުރާނެ ކަން ފާހަގަކޮށްފައެވެ.
އެލަން މަސްކު، އޭނާގެ އެކްސްގައި މީގެ ކުރިން ކުރި ޕޯސްޓެއްގައި ވަނީ އިންޑިއާއަށް ކުރާ ދަތުރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރާނެ ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އެލަން މަސްކުގެ ދަތުރުގައި އޭނާ އިންޑިއާއަށް ދެ ބިލިއަން ޑޮލަރުގެ އިންވެސްޓް ކުރުމަށް ވަނީ ރާވައިފައެވެ. އެގޮތުން ޓެސްލާ އުފައްދާ ފެކްޓްރީ އެއް އިންޑިއާގައި ގާއިމްކުރުމަށް އެންމެ ރަނގަޅު ސަރަހައްދެއް ބެލުމަށްވެސް ދަތުރުގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާގައި މޯދީ އާއި މަސްކު ވަނީ ބައްދަލުވުމެއް ބާއްވައި އިންޑިއާގައި އިންވެސްޓު ކުރެވިދާނެ ކަންކަމާއި އެގައުމުގެ އިންޕޯޓު އަދި އެކްސްޕޯޓު ގަވާއިދަށް ބަދަލު ގެނައުމާ ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ