ޒާތީ ތައައްސަބުތައް ދޫކޮށް، ގައުމުގެ މަސްލަހަތު އިސްކޮށް، މާދަމާ ނަގާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު، ސަރުކާރާ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންވެސް ސަރުކާރުގެ ކެންޑިޑޭޓުންނަށް ދެއްވުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ކެމްޕެއިން ނިންމާލުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް ހަމަޖެހުން އައުމަށް ކަމަށާއި ދެކޮޅުވެރިކަމާއި ރުޅިވެރިކަމާއި ބަދަލު ހިފުން ނައްތާލުން ކަމަށެވެ.

"ކީއްކުރަންތޯ އަބަދު ބަދަލު ހިިފުމާއި ދެކޮޅު ހެދުމާއި އަޅުގަނޑުމެންގެ ތެރޭގައި ރުޅިވެރިކަމާ މިކަންކަން ބައެއް ސިޔާސީ ލީޑަރުން ބޭނުންވާ ގޮތަށް އަނބުރަން އޮތް ބައެއް ނޫނޭ ރައްޔިތުންނަކީ، އެކަމަށް އެ ފުރުސަތު ދެއްވަން ނުހައްދަވާ" މި ސަރުކާރުން މިހާތަނަށް ސިޔާސީ އެއްވެސް ބޭފުޅަކު ހައްޔަރުކޮށްފައިނުވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ކެންޑިޑޭޓުން ނޫން ބަޔަކު މަޖިލީހަށް އައިސްގެން ގައުމަށް ފައިދާއެއް ނުވާނެ ކަމަށާއި އެކަމުން ރައްޔިތުންނަށް ލިބޭނީ ދެރައާއި ނިކަމެތިކަން ކަމަށެވެ.

"ރައްޔިތުން ނުކުމެވަޑައިގެން، ކޮންމެ ޕާޓީއަކަށް ނިސްބަތްވިކަމުގައިވިޔަސް، މިއީ ޕާޓީތަކަށްވުރެ މާ މަތިން ވިސްނަން ޖެހޭ ސީރިއަސްކަމެއް. އިހްލާސްތެރިކަމާއެކު މި ވާހަކަ ދައްކަނީ. ﷲ ދެނެވޮޑިގެންވާނެ. އަޅުގަނޑަށް މުހިންމެއް ނޫން އެ މީހަކު ހުރި ޕާޓީއެއް. ކޮންމެ ރައްޔިތަކަށް އަޅުގަނޑު ހަމަހަމަ. އެހެންވީމާ މި ދަންނަވަނީ ކޮންމެ ޕާޓީއެއްގައި ހުންނެވިނަމަވެސް މާދަމާ މި ވޯޓު ދެއްވާށޭ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޒާތީ ތައައްސަބުކުން ދުރުވެ، ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށާއި ގައުމަށް ތަރައްގީ އަންނާނީ އޭރުން ކަމަށެވެ.