ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުކުންނެވީ ސިޔާސީ ކެރިއަރެއްގެ ގޮތުގައި އެހެން ކަމުން ރައްޔިތުންނަށް ފެންނާނެ އަދި އަބަދުވެސް ގުޅުން ބާއްވާނެ މެމްބަރަކަށް އެމަނިކުފާނު ވާނޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ޑރ އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދުގެ ކެމްޕެއިން ހަރަކާތްތަކުގައި އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރައްވައި ވިދާޅުވީ، އިންތިޚާބު ވުމަށްފަހުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވައި ދާއިރާގެ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް ކަމަށެވެ.
މިގޮތުން ހުޅުމާލޭގެ ސިއްޙީ ޙާލަތާއި ތަޢުލީމީ ހާލަތު އަދި އިޖުތިމާއީ ހަރަކާތްތާއި ކުޅިވަރުގެ ވަޞީލަތްތައް ހުޅުމާލޭގެ ބޮޑު އާބާދީއާއި އެކަށޭނަ މިންވަރަކަށް ތަރައްޤީ ކުރެވިފައި ނެތްކަން ޑރ. ޝަމްހީދު ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ކެމްޕޭނުގެ ތެރޭގައި ދޮރުން ދޮރަށް ހިންގަވައި ގިނަ ރައްޔިތުންގެ ހާލަތު ގާތުން ބައްލަވާފައިވާ ކަމަށާއި، ވަރަށް ގިނަ ރައްޔިތުން ދިރިއުޅެން ޖެހިފައި އޮތީ ވަރަށް ދަތިހާލުގައި ކަމަށެވެ. އެހެންކަމުން ޢަޒުމަކީ އެމައްސަލަތައް ހައްލުކޮށްދިނުމުގެ މަސައްކަތު ކުރުމާއި އެކު ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވައިގެން ކުރިޔަށް ދިޔުން ކަމަށެވެ.
"ސިޔާސީ ގޮތުން މިތިބެނީ ދެވައްތަރެއްގެ ސިޔާސީ މީހުން. އެއް ވައްތަރަކީ ސިޔާސީ ގޮތުން ކެރިއަރ އެއް ބިނާކުރުން. އަނެއް ބަޔަކީ އެއްފަހަރު ނުވަތަ މަޝްހޫރު ވުމުގެ ގޮތުން، ސިޔާސީ ގޮތުން މަޤާމަކަށް ކުރުމަތިލުން. އަޅުގަނޑު މިފެށީ ސިޔާސީ ކެރިއަރއެއްގެ ގޮތުގައި." ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ސިޔާސީ ކެރިއަރެއްގެ ގޮތުގައި ކުރިއަށް ވަޑައިގެންނެވޭނީ، ރައްޔިތުންނާއި އެކު ގާތްގުޅުމެއް ބާއްވައި ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ހިތާއި ރޫޙުން މަސައްކަތް ކުރައްވައިގެން ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަދި ސިޔާސީ ދާއިރާއިން ކުރިޔަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދީގެން ކަމުގައިވެސް ޑރ ޝަމްހީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ޑރ. އަޙްމަދު ޝަމްހީދަކީ، އެދާއިރާއަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެ ގޮތުންވެސް ޤާބިލް ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު