މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮބްޒާވްކުރާ ރާއްޖޭން ބޭރުގެ އޮބްޒާވަރުން ރާއްޖެ އަންނަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، އިއްޔެ އިން ފެށިގެން ރައްޔިތުން މަޖިލިސް އިންތިހާބު ކުރިއަށް ގެންދާ ގޮތް އޮބްޒާވް ކުރާ ރާއްޖޭން ބޭރުގެ ބޭފުޅުން ރާއްޖެ އަންނަން ފަށާފައިވާ ކަމަށެވެ. އެ ބޭފުޅުންނަށް ރައްޔިތުން މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ދޭ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔަ ކަމަށް ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް އީސީގެ ފަރާތުން 10 ގައުމެއްގެ 20 ބޭފުޅަކަށާއި ބައިނަލްއަގުވާމީ ފަސް ޖަމާއަތަކުން 10 ބޭފުޅުންނަށް ދައުވަތު ދީފައިވެއެވެ. އެ ބޭފުޅުން އިންތިހާބު އޮބްޒާވް ކުރުމަށްފަހު އެ ބޭފުޅުންނަށް ފާހަގަކުރެވޭ ކަންތައްތަކުގެ ރިޕޯޓެއް އާންމުކުރާނެއެވެ.

އީސީން ކުރިން ބުނެފައިވާ ގޮތުން، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޮބްޒާވަރުންނާއި މޮނިޓަރުން އަދި މަންދޫބުންގެ ގޮތުގައި 9،900 މީހުން ހަރަކާތްތެރިވާނެ އެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ޖުމުލަ އަދަދު 284،663 އަށް މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އެއީ 145،302 ފިރިހެނުންނާއި، 284،663 އަންހެނުންނެވެ. އަދި އިންތިހާބުގައި ވޯޓު ލުމަށް 602 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ މާލޭގައި 181 ވޯތު ފޮށި، ހުޅުމާލޭގައި 51 ވޯޓު ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށި އެވެ. އަތޮޅު ތެރޭގައި 319 ވޯޓު ފޮއްޓެއް ބަހައްޓައެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރެއެވެ. އިންތިހާބުގައި ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުންނާއި 43 އަންހެން ކެންޑިޑޭޓުންނެވެ.