ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފިއެވެ.

ސިފައިންގެ ހިދުމަތާ 18 ފެބްރުއަރީ 1985 ވަނަ އަހަރު ގުޅިވަޑައިގެން އަބްދުއްރަހީމް ރިޓަޔާކުރެއްވީ 39 އަހަރުގެ ހިދުމަތަށް ފަހު، އުމުރުން 60 އަހަރުވުމުންނެވެ. ސިފައިންގެ ގާނޫނުގައިވާ ގޮތުން، ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެންނެވެ.

އަބްދުއްރަހީމް ޝަރަފުވެރި ކަމާއެކު ރިޓަޔާކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ޝަރަފުގައި ސިފައިން ވަނީ އޮނާ ގާޑެއް އަރުވައިފައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅާއި އިހުލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމްއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ.

އޭގެ އިތުރުން އެމްއެންޑީއެފުން ދޭ ސިޓީއާއި ރިޓަޔަމަންޓްގެ ރަމްޒީ ކާޑު، އަބްދުއްރަހީމްއާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

އަބްދުއްރަހީމްގެ ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވާފައިވާއިރު ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި ކޯ ކޮމަޑާންޓްކަމާއި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަންވެސް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ސިފައިންގެ ތަރުޖަމާންގެ މަގާމާއި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމުވެސް އޭނާ ފުރުއްވިއެވެ.

އަބްދުއްރަހީމަށް ވަނީ، ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައެވެ. އަދި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރައްވައިގެން، 2021 ވަނަ އަހަރު ވަނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ.