ޕާކިސްތާނުގައި ''އެކްސް'' ބްލޮކްކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީ އިން ބުދަ ދުވަހު ވަނީ މިދިޔަ ފެބްރުއަރީ އިން ފެށިގެން އެގައުމުގައި އެކްސް ބޭނުން ކުރުމުގައި ފުރިހަމަ ހިދުމަތެއް ނުލިބޭނެ ކަމަށާއި އެއީ އިންތިހާބާ ދިމާކޮށް އެގައުމުގައި ހިނގާފާނެ ކަންކަމުން ރައްކާތެރި ވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ފެބްރުއަރީ އިން ފެށިގެން ޕާކިސްތާނުގައި އެކްސް ބްލޮކް ކުރި ނަމަވެސް ސަރުކާރުން އެކަމުގެ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި އެކްސް ބޭނުންކުރާ ގިނަ ބަޔަކު އެހިދުމަތް ނުލިބޭތީ އެކްސް އަށް ރިޕޯޓުވެސް ކޮށްފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ޕާކިސްތާނު ސަރުކާރުން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން އެގައުމުގައި އެކްސްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް އޭގެ ބޭނުން ނުރަނގަޅު ގޮތުގައި މީހުން ހިފާ ކަމަށް ފާހަގަ ކޮށްފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އެކްސް އަށް ނުވަދެވޭ ކަމަށާއި އެއީ ޕާކިސްތާނުގެ އިދިކޮޅު ޕާޓީގެ ލީޑަރު އިމްރާން ހާން ޖަލަށް ލުމާއެކު ސަރުކާރުން ކުރި ކަމެއް ކަމަށް އޮފިޝަލުން ބުނެއެވެ.