އެއް އަހަރު ދުވަހުން ވެހޭ ވަރަށް އެއް ދުވަހުން ދުބާއީއަށް ވާރޭ ވެހި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.
އަންގާރަ ދުވަހު ހެނދުނުން ފެށިގެން ދުބާއީއަށް މޫސުން ގޯސްވެ ވިދާ ގުގުރައި، ހުއްޓާ ނުލައި ވާރޭވެހުމުގެ ސަބަބުން އެސިޓީ އެއްކޮށްހެން އޮތީ ފެނުއަޑީގައެވެ.
ދުބާއީގެ ނޫސްތަކުން ވަނީ އެސިޓީގެ މަގުތައް ކޯރުތަކަކަށް ބަދަލުވެ އެތައް ގެއަކަށް ފެންވަނުމުގެ ސަބަބުން ގެއްލުންވުމުގެ އިތުރުން ވިޔަފާރިތަކާއި އޮފީސްތައް ބަންދުކުރަން ޖެހުނު ކަމަށް ރިޕޯޓުކޮށްފައެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާޕޯޓުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް އެއާޕޯޓުގެ އޮފިޝަލުން ބުނެއެވެ.
ފެން ބޮޑުވުމުގެ ސަބަބުން ދުބާއީ އެއާޕޯޓުގެ ރަންވޭގައި ފެންބޮޑުވެ ބައިގަޑިއިރު ވަންދެން ރަންވޭ ބަންދުކުރަން ޖެހުނު ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ދުބާއީގެ މޫސުމާބެހޭ އިދާރާއިން ވަނީ 12 ގަޑިއިރު ތެރޭ އެސިޓީއަށް 100 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް ހާމަކޮށްފައެވެ. މިއީ ޖުމްލަކޮށް މުޅި އަހަރެއްގެ ތެރޭގައި ދުބާއީ އަށް ވާރޭވެހޭ ނިސްބަތް ކަމަށްވެސް ރެކޯޑުތަކުން ދައްކައެވެ.
ދުބާއީއަށް ބޯކޮށް ވާރޭވެހިފައިވާ އިރު އަރަބި ގައުމުތައް ހިމެނޭ ސަރަހައްދުގައި ތޫފާނެއް އުފެދި، އެތޫފާން ވަނީ އޮމާންގެ އައްސޭރިފަށަށް އަރައިފައެވެ. މިހާތަނަށް އޮމާނުން 17 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ