ދިވެހި ގައުމިއްޔަތާ ބެހޭ ކޮލެޖެއް ވަރަށް އަވަހަށް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ދިވެހި ބަހުގެ ދުވަހަކީ ގައުމުގެ ހުރިހައި ދާއިރާއަކުން ދިވެހި ބަހާމެދު ފިކުރު ހިންގާންވި ދުވަސް ކަމަށެވެ. ދިވެހި ބަހުގެ ދުވަހުގައި އިސްކަން ދޭންވީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އަމަލުކޮށް ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުން ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ތަރައިގެ ކޮލެޖު ނުވަތަ ދިވެހި ގައުމިއްޔަތުގެ އިސްވަރު ދާދި އަވަހަށް އުފެއްދޭނެއެވެ. އެ ކޮލެޖު ނުވަތަ އިސްވަރު އުފެދުމާ އެކު މުޅި ރާއްޖެ ބައިވެރިވާ ގައުމީ ތަރިކަތަކާއި ބަހާތަކާ މެދު އިލްމީ ގޮތެއްގައި ފިކުރުކުރާނެ ރަސްމީ ވިޔުގައެއް އުފަންވާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހި ގައުމީ ޗާޕުހާނާ އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި ޗާޕުހާނާ އުފަންވުމާއެކު ދިވެހިބަހުން ލިޔެވިފައިވާ ޒަމާނީ ފޮތްތަކާއި އެ ނޫންވެސް ޒަމާނީ ޑިޖިޓަލް އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހި ބަހުން އާންމުވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ކުތުބުހާނާތަކާއި ސަގާފީ މަރުކަޒުތައް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ބަހާއި ދިވެހި ގައުމިއްޔަތާ މެދު އަޅުގަނޑުގެ ތަސައްވުރުގައި މި ފަދަ އެތައް މަޝްރޫއުތަކެއް ރޭވިފައިވެއެވެ. އެކަންކަމާ ގުޅޭ މަސައްކަތްތައް ހިނގަމުން އެބަ ދެއެވެ. އިރާދަކުރެއްވިއްޔާ ކަނޑައެޅިފައިވާ ތާރީހުތަކަށް މި ކަންކަން ނިމެމުން ރައްޔިތުންނަށް މި ކަންކަމުގެ ލާބައާއި މަންފާ ލިބެމުންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޮފީސްތަކާއި މީޑިއާތަކުން އަދި ތައުލީމާއި މުއާމަލާތުގެ ހުރިހާ ދާއިރާއަކުން ވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ގޮވާލާ ކަމަށެވެ.