ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ހަރަކާތްތެރިވުމަށް ޕޮލިސް ކޮމިޝަނަރުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަދައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ ރޭ ބޭއްވުމަށް ގިޔާސުއްދީން ސްކޫލުން ހުއްދަ ދިނުމަށްފަހު، ފަހުން ވަނީ އެ ހުއްދަ ބާތިލުކޮށްފައެވެ.

ހުއްދަ ބާތިލުކުރުމުން ވެސް ޕީއެންއެފުން ގިޔާސުއްދީނުގައި ޖަލްސާ ބޭއްވުމަށް މަސައްކަތްކުރަމުންދާތީ، އެކަން ހުއްޓުވައިދިނުމަށް އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ފުލުހުންނަށް އެންގުމުން ފުލުހުން ވަނީ އެ ޖަލްސާއަށް ރޭ ހުރަސް އަޅައިފައެވެ. އަދި ފުލުހުން ކުރި މަސައްކަތުގެ ތެރެއިން އެސްއޯ ފުލުހުން ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖަހައި ހަމަނުޖެހުން ވެސް ވަނީ ހިނގައިފައެވެ.

ހޯމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ގޮތަށް ފުލުހުން އަމަލުކުރި ގޮތުގެ ރިވިއު ރިޕޯޓު އެމަނިކުފާނަށް މިއަދު އަރުވާފައިވާނެ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ރައީސް ވަނީ ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މެދުވެރިކުރައްވައި، ސީޕީ އަލީ ޝުޖާއުއަށް އަންގަވާފައި ކަމަށެވެ.

  • ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖް ވާން ޖެހޭނެ އޮޕަރޭޝަނަލް ހާލަތްތައް އަލުން ކަނޑައަޅައި، އެ ހާލަތްތަކުގައި ވެސް ޑިޕްލޮއި ކުރުމުގެ ކުރިން ކޮމިޝަނަރު އޮފް ޕޮލިސްގެ ސީދާ ހުއްދައިގެ ދަށުން އެކަންކަން ކުރުން.
  • ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.
  • ގިޔާސުއްދީން ސްކޫލުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް އެއްވެސް ފަރާތަކުން އިހުމާލުވެފައިވާ ނަމަ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުން.
  • އޮޕަރޭޝަނަލް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އަމަލުކުރަމުންދާ އުސޫލު މުރާޖައާކޮށް، މިހާރަށްވުރެ ދެފުށް ފެންނަ އަދި ތަފްސީލީ ގޮތަކަށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން.
  • ގިޔާސުއްދީން ސްކޫލުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ޔޫސް އޮފް ފޯސްގެ ރިވިއު ކޮމިޓީން ބަލައި، އަޅަން ޖެހޭ ފިޔަަވަޅުތައް އެޅުން.

ހޯމް މިނިސްޓްރީން ބުނީ ސަރުކާރުގެ ވިސްނުމަކީ އޯގާތެރި، ކުލުނުވެރި، ޕްރޮފެޝަނަލް އަދި ޖަވާބުދާރީވަނިވި ފުލުހުންގެ ހިދުމަތެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުން ރެއާއި ދުވާލު ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

މުލިއާގޭގައި މިއަދު ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ ވެރިކަމުގައި މީގެ ކުރީގައި ވެރިން ގެންގުޅުއްވި ސިޔާސީ ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމާއި ސިޔާސީ ހިޔާލު ފާޅުކޮށްގެން އަދަބު ނުދެއްވާނެ ކަމާއި ސިޔާސީ ބޭފުޅުން ފުލުހަށް ހާޒިރުކުރުން ތަކުރާރު ނުކުރައްވާނެ ކަމަށް ވައުދުވެފައިވާނެ ކަމަށެވެ.

އަދި ސިޔާސީ ގޮތުން ވަކި މީހަކަށް ގޯނާއެއް ކުރާކަށް ނުވަތަ އުދަނގުލެއް ކުރާކަށް އެ މަނިކުފާނުގެ ފަރާތުންނާއި ސަރުކާރުގެ އެއްވެސް ހިސާބަކުން އެންގުމެއް ނާންނާނެ ކަމާއި އެފަދަ އެންގުމެއް ގޮސްފި ނަމަ އެ މަނިކުފާނު އިސްވެ ފިޔަވަޅު އަޅާނެ ވާހަކަ ހޯމް މިނިސްޓަަރާއި ކޮމިޝަނަރު އޮފް ޕޮލިސް އަދި ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ފަރާތުން އެހާ ސާފުކޮށް އިރުޝާދު ދެއްވާފައި ވަނިކޮށް ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަން އެމަނިކުފާނަށް އެނގިވަޑައިގަތުމުން އެކަމާ ގުޅިގެން ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިހަށް ވަގުތުން ގުޅުއްވައި ސުވާލު ކުރައްވައި، އެކަމުގެ ތަހުގީގެއް ހިންގެވުމަށް އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ، އެ މައްސަލައިގެ ތަހުގީގު ރިޕޯޓަށް ބެއްލެވުމަށްފަހު ފިޔަވަޅު އަޅަން ޖެހުނު ކޮންމެ ބަޔަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެ ޖަލްސާ ރޭ ވަރަށް ދަންވެފައިވަނިކޮށް ބާއްވާފައިވަނީ ބުރިޖު ވިއު ޕްލެޓްފޯމު ސަރަހައްދުގައި ވަރަށް އާދައިގެ ގޮތަކަށެވެ.