ފިތުރު އީދުގެ އުފާފާޅުކުރަމުންދާ އިރު، ފަލަސްތީނު ރައްޔިތުންގެ މަތިން ހަނދާން ނައްތާނުލުމަށް ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ އީދު ހުތުބާގައި ބުނީ އިޒްރޭލުގެ ހަނގުރާމަތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުން ރަމަޟާން މަހުގައި ވެސް އުޅެމުންދިޔައީ ނުހަނު ނިކަމެތި ހާލުގައި ކަމަށާއި ރޯދަ ވީއްލުމަށާއި ހާރު ކެއުމަށް ކާނެ އެއްޗެއް، ބޯނެ އެއްޗެއް ލިބިގެން ނުވާ ހާލުގައި ކަމަށެވެ.
"ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި، އެކަކު އަނެކަކާ ހިނިތުންވުމާއެކު ބައްދަލުކޮށް، ސަލާންގަލާންކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް، ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށްގެންދާ އިރު، ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންގެ މަތިން ހަނދާން ނައްތާނުލާށެވެ!. އެ ލޮބުވެތި އަޚުންނާއި އުޚުތުން އެދަނީ، މާތްވެގެންވާ އަލްމަސްޖިދުލް އަގުސާއާއި، އެ ބަރަކާތްތެރި ފަސްގަނޑުގެ ދިފާއުގައި ޖިހާދު ކުރަމުންނެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ފަލަސްތީނު ރައްޔިތުން ރޭ އަޅުކަން ކުރަމުން ދިޔައީ، ޞިހްޔޫނީންގެ އަނިޔާވެރި ހަމަލާތަކުން ސުންނާފަތިކޮށްފައިވާ ބިނާރުތަކާއި، ހިރަފުސްތަކުގެ ތެރޭގައި ކަމަށާއި އެ ހާލަތުގައިވެސް އެ އަހުންނާއި އުހުތުންގެ ކިބައިން ފެނިގެން ދިޔައީ ﷲ ގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާ ފަދަ ވަރުގަދަ އީމާން ކަމެއް ކަމަށެވެ. އަދި މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަން ހުތުބާގައި ފާހަގަކުރިއެވެ.
"އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފި ނަމަ، އެ ވޭނުގައި ހަށިގަނޑުގެ ބާކީހުރި ގުނަންތައް ބައިވެރިވެއެވެ. ހުން އައުމުންނާއި ހޭލާ ހުރުމުންނެވެ. ފަލަސްތީނުގެ އަހުންނާއި އުހުތުންނަކީ، އަހަރެމެންގެ ހަށިގަނޑުގެ އެއްބައެވެ. އެމީހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކީ، އަހަރެމެންނަށް ލިބޭ ނިކަމެތިކަމެކެވެ. އަދި އެމީހުންނަށް ލިބޭ ކޮންމެ އިއްޒަތަކީ އަހަރެމެންނަށްވެސް ލިބޭ އިއްޒަތެކެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ވަނީ، ފަލަސްތީނު ރައްޔިތުންނަށް ނަސްރުދެއްވުން އެދި ދުއާކުރުމަށާއި، އަދި ގާބިލިއްޔަތު ތަންދިން މިންވަރަކުން އެމީހުންނަށް އެހީގެ އަތް ދިއްކޮށްލުމުގައި ފަސްނުޖެހުމަށް ވެސް ނަސޭހަތްތެރިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު