ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް، ސޯޝަލް ސެންޓަރު ހަމަޖައްސައި، އެކަން އެ ޕާޓީއަށް އަންގާފައިވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދިނުމާއެކު، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރޭގައެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުނު ކަމަށް ބުނެ ޖަލްސާ މިރެއަށް ފަސްކުރިއެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި މިރޭ 9:00 ގައި ބޭއްވުމަށް ނިންމި ޖަލްސާއަށް ތައްޔާރުވެގެން ޕީއެންއެފްގެ އިސް ބޭފުޅުންވެސް ގިޔާސުއްދީން ސްކޫލަށް ވަޑައިގެންފައިވަނިކޮށް ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް ޖަލްސާއަށް ހުރަސް އަޅައިފައެވެ. އެހެންވެ ޕީއެންއެފުން ވަނީ ޖަލްސާ ރާޅުގަނޑުގައި ބޭއްވުމަށް ނިންމައި، އެތަނަށް އެއްވެފައެވެ.
ރައީސް އޮފީހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޕީއެންއެފް ޖަލްސާ މިރޭވެސް ބޭއްވުމަށް ބޭނުންވާ ނަމަ ސޯޝަލް ސެންޓަރު ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ޕީއެންއެފްއަށް އަންގާފައިވާނެ ކަމަށެވެ.
ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެ ޕާޓީ އުފެއްދުމުގެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާ ބޭއްވުމަށް ގިޔާސުއްދީން ސްކޫލުގެ މެނޭޖްމެންޓުން ހުއްދަ ނަގައި، އެކަމުގެ ޕޭމަންޓްތައްވެސް ހަދާފައިވާ ކަމަށާއި ޖަލްސާއަށް އެ ސްކޫލުގެ ހޯލު ބޭނުން ކުރުމުގެ ހުއްދަ އޮތީ ލިބިފައި ކަމަށެވެ.
"މިއީ މަދަނީ މައްސަލައެއް. މި ތަނަށް ފުލުހުންނާއި ސިފައިން ވަންނާކަށް ނުޖެހޭ. މި އޮތީ އެގްރީމެންޓް އަޅުގަނޑުމެން އަތުގައި ސްކޫލުން ދިން. މި ޖަލްސާ ބޭއްވުމަށް ހުރަސް އެޅުމަކީ ގައިރު ގާނޫނީ ކަމެއް" މަލީހު ވިދާޅުވިއެވެ.
ނަމަވެސް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޕާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޖަލްސާއަށް އެ އިދާރާ އިން ހުރަސް އެޅީ އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔައީ ހުއްދަ ދެވިފައިނުވާ އެއްވުމެއް ކަމަށް އެ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގުމުން، އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު