މި އަހަރުގެ ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މާލޭގައި ގިނަ ކުޅިވަރުތަކެއް ވަނީ ރާވައިފައެވެ.

އެ ހަރަކާތްތަކަކީ މާލެ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި 14 އެންޓެއިޓެއިންމަންޓުގެ އިތުރުން ސިޓީ ކަންމަތި ރެކްރިއޭޝަން ކުލަބުން ގުޅިގެން ހިންގާ ހަރަކާތްތަކެކެވެ.

އެގޮތުން މާލެ ސިޓީގެ ޑަބްލިޔުޑީސީގެ ފަރާތުން މާލޭ ދުވާ ޓްރެކުގައި 1000 މީހުންނަށް އީދު ސައި ތައްޔާރުކުރާއިރު، 500 ކުޑަކުދިންނަށް އީދު ހަދިޔާ ބަހާނެއެވެ. އަދި ހެނދުނު 9:30 ގައި 14 އެންޓަޓެއިންމަންޓުގެ ފަރާތުން ރަސްފަންނުގައި ފެނުގެ ކުޅިވަރުގެ ހަރަކާތަައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. ފެނުގެ ކުޅިވަރުތަކުގައި ބައިވެރިވެވޭނީ 195 ރުފިޔާއަށް ލިބޭ ޓީޝާޓެއް ގަނެގެންނެވެ،

އޭގެ ފަހުން މާދަމާ ހަވީރު 4:00 ޖަހާއިރު އޮލިމްޕަސް ކުރިމަތީގައި ބޮޑުމަސް ނެރުމާޢި މާލި ޕެރޭޑް ކުރިއަށް ވަނީ ނިންމައިފައެވެ. އެ ހަރަކާތުގައި ބައިވެރިވެވޭއިރު، އެންމެ ސަގާފީ މާއްޔަކަށް އިނާމުވެސް ދޭން ވަނީ ނިންމައިފައެވެ.

ހަމަ އެ ވަގުތުގައި ސިޓީ ކަންމަތި ރެކްރިއޭޝަން ކްލަބުގެ ފަރާތުން އަންހެން ކުދިންގެ ބަނޑިޔާ ޖެހުމާއި ކުރުދަނޑިޖެހުން، ބިލެއްފަހި ނެށުން، އަންހެން ކުދިންގެ މަލާފަތް ނެށުން ކުރިއަށް ގެންދަން ނިންމާފައިވާއިރު ހަވީރު 5:10 ގައި ސިޓީ ކަންމަތިން ބޮޑުބެރާއި މަލާފަތް އަދި ގިނަ ސަގާފި ނެށުންތަކެއް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ރޭގަނޑު ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތަތަކުގެ ތެރޭގައި 8:30 އިން 11:30 ކުރިއަށްދާނީ ސްޓޭޖް ޝޯއެކެވެ. އެ ޝޯގައި އިކުއެޓިކް ވައިބް އާއި 1438ގެ ބޮޑުބެރު ގުރޫޕް ހުށަހަޅައިދޭއިރު، ބައެއްް ކޮމީޑިއަންގެ ހަރަކާތްތައްވެސް ފެންނާނެއެވެ. އަދި ރޭގަނޑު 10:00 ޖަހާއިރު ހަވާއެރުވުމަށްވެސް ވަނީ ނިންމައިފައެވެ.