އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި 12 އަހަރުގެ ކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އަނިޔާކުރާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން މާލެއިން ފުލުހުންގެ ޓީމެއް ރަސްދުއަށް ގޮސް އަނިޔާކުރި ދެ ކުދިން ދެނެގަނެ، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ދަނީ ބަލަމުންނެވެ.

އަނިޔާކުރުމުގައި ބައިވެރިވި ކުދިންގެ ތެރެއިން 14 އަހަރުގެ ރިޒާންގެ އާއިލާގެ ފަރާތުން ކަމަށް ބުނެ އާލް އަލީ ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުން ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ޝާމިލުވެގެން ހިންގި އަމަލު އާއިލާގެ ފަރާތުން ކުށްވެރިކޮށްފައެވެ. އެ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް ލިބިފައިވާ ބިރުވެރިކަމާއި ނަފުސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ، އެކަމާ މެދުގައި އެ އާއިލާއިން ހިތާމަކުރާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ ޕޯސްޓުގައި އިތުރަށް ބުނީ، އާއިލާގެ ފަރާތުން ފޭސްބުކްގައި އެ ޕޯސްޓު ޖަހަން ޖެހުނީ އެ އާއިލާ މީހަކު އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރުދީ ކޮމެންޓް ކުރުމުން ކަމަށެވެ. އަދި އެކަން އެގޮތަށް ވެއްޖެކަން މި އާއިލާއަށް އެނގުނީ ޕޭޖެއްގައި ސްކްރީންޝޮޓްތައް އާންމުކުރުމުން ކަމަށްވެސް ބުންޏެވެ.

"މި ސްކްރީންޝޮޓްތައް ދައުރުވާން ފެށުމުން މުޖުތަމައަށް މި އާއިލާ ސިފަވެފައިވަނީ ހަނގާކުރުމަށް ހިތްވަރު ދޭ އާއިލާއެއް ގޮތުގައެވެ. އެހެން ނަމަވެސް އެ ސްކްރީންޝޮޓްތަކުގައި އޭނާ ބުނެފައިވާ ވާހަކަތަކަކީ މި އާއިލާއިން މި މައްސަލައާމެދު ދެކޭ ގޮތެއް ނޫނެވެ. އެއްވެސް އުމުރެއްގެ އެއްވެސް މީހަކަށް އެފަދައިން އަނިޔާވެރިވުމަކީ މި އާއިލާ އިން ބާރުދޭ ކަމެއް ނޫނެވެ. މިގޮތަށް އޭނާ ރިޒާން ދިފާއުކޮށް ކޮމެންޓް ކޮށްފައިވިޔަސް މި އާއިލާއިން ރިޒާން ދިފާއުކުރުމުގެ އެއްވެސް ގަސްތެއް ނެތެވެ،” އެ ޕޯސްޓުގައި ބުންޏެވެ.

ޕޯސްޓުގައި އިތުރަށް ބުނީ، ރިޒާން ކުރި ކުށަށް އަދަބު ލިބެންޖެހޭ ކަމަށް އާއިލާއިން ދެކޭ ކަމަށާއި އަދި އޭނާއަށް އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އާއިލާގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އަދި ކުއްޖާ ރަނގަޅު ގޮތުގައި މުޖުތަމައު އަށް އަލުން އަނބުރާ ނެރުމަށް އާންމުންނާއި ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން އާއިލާއިން ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ.