ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރަން ނިންމި 1،300 އަށްވުރެ ގިނަ ގޯތި، ގުޅިފަޅަށް ބަދަލުކުރަން ނިންމައިފިއެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅައި ކަމަށެވެ.

އެހެންވެ، އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާ އެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ގިރާވަރުފަޅުން ގުޅިފަޅަށް 1،347 ގޯތި ބަދަލުކުރަން ނިންމާފައިވެއެވެ. އެގޯތީގެ އަދަދާއި ބޮޑުމިނަކީ:

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި

މިނިސްޓްރީން ބުނީ ގިރާވަރުފަޅުން އެ ސައިޒުގެ ގޯތި ލިބުނު މީހުން، މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅިފަޅަށް ބަދަލުވާން ހުށަހަޅާނަމަ، އެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެން ކަމަށާއި އެ ތާރީހު މިނިސްޓްރީން ފަހުން އަންގާނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އެ މިނިސްޓްރީގެ ވެބްސައިޓާއި ހިޔާވަހި ޕޯޓަލްގައި އާންމުކޮށްފައިވާނެ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ހުޅުމާލެ 2، ހުޅުމާލެ 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އެއީ ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯއްޗެވެ.