ރާއްޖެއަށް އިމްޕޯޓްކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން އިތުރުކޮށްދިނުމަކީ ދެގައުމުގެ ގުޅުން ބަދަހިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަސާސީ ކާބޯތަކެތީގެ ކޯޓާ އިތުރުކުރީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާއިން، ރާއްޖެއަށް އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާ މިއަހަރު އާކޮށްދިން އިރު، ފަސް ޕަސަންޓި އިތުރުކޮށްދީފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ޒަމީރު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ކޯޓާ އިތުރުކޮށްދިނުމުން އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
"މިއީ ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ކަމެއް އަދި ދެ ގައުމުން ބައިލެޓްރަލް ގުޅުން އިތުރަށް ވަރުގަދަކުރަން ބޭނުންވާ ކަމުގެ ރަމްޒެއް،" ޒަމީރު ވިދާޅުވިއެވެ.
އިންޑިއާއިން ވަނީ ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް ވަނީ އިތުުރުކޮށްދީފައެވެ. އެގޮތުން ހިލަ/ހިލަވެލީގެ ކޯޓާ ވަނީ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައި ކަމަށާއި އެއީ 25 ޕަސަންޓުގެ އިތުރުކުރުމެއް ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އިތުރު ދިރުންތަކެއް ލިބިގެންދާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު