ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓުގައި ހިމެނުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުނިކުރި މީހުންނަށް މިއަހަރު ފަށާ ހައުސިން މަޝްރޫއުން މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ވަނީ، ހިޔާ ފުލެޓު އަތުލި މީހުންނަށް ފުލެޓު ދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.
އެ ސުވާލަށް މިއަދު ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ ވައުދު ފުއްދަވާނެ ކަމަށާއި މި ސަރުކާރުން އެންމެ ފުރަތަމަ ފަށާ ސޯޝަލް ހައުސިން އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން އެޅޭ ފުލެޓުތަކުން އެމީހުންނަށް ފުލެޓު ހަމަޖައްސައިދޭނެ ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރު ނިމުނު އިރުގައި ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެސް ކަހަލަ ހަމައެއް ނެތި އުނިކޮށްލާފައިވަނީ. އެހެންވީމާ އެ ފަރާތްތަކަށް އަޅުގަނޑު ފުލެޓުދޭނެ ކަމަށް އަޅުގަނޑު ވާނީ ވައުދުވެފައި. އެ ވައުދު ފުއްދާނަން ވީހާވެސް އަވަހަކަށް، އެންމެ އަވަހަށް އެޅޭ ފުލެޓުތަކުން. މިއަހަރު ތެރޭގައި އަޅުގަނޑުމެން އާ މަޝްރޫއުތައް ފަށާގޮތަށް މިވަނީ ނިންމާފައި. ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގައި ވެސް. އެހެންވީމާ މި މަޝްރޫއުތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މައްސަލަ ހައްލުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯ އިއުލާންކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ހިޔާ ފުލެޓު ލިބުނު 3،000 މީހެއްގެ އަތުން ފުލެޓު އަތުލާފައިވާ ކަމަށާއި ހިޔާއިން މާލޭ ރަށްވެހިންނަށް ފުލެޓު ދިން އިރު، ޔާމީންގެ ސަރުކާރުން އާންމުކުރި ލިސްޓުގައިވާ ނަރުހުންނާއި ޑޮކްޓަރުންގެ އަދި ޓީޗަރުންގެ ތެރެއިން ފުލެޓު ލިބުނު މީހުން އުނިކޮށްފައިވާ ކަމަށެވެ. އަދި ފުރަތަމަ ފަށާ ހައުސިން މަޝްރޫއުން އެމީހުންނަށް ފުލެޓުދޭނެ ކަމަށް ވައުދުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު