ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ފިތުރު އީދަށް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފްގެ އެކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި ހުރި ވީރާނާ ވަމުންދިޔަ ފެންއަރުވާ ވަޑާން މަރާމާތުކޮށް ފިތުރު އީދަށް ހުޅުވުގެ ތައްޔާރީތައް ކުރަވަމުންގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް ކަމަށެވެ.

މި ރޯދަ މަހުގެ ކުރިން އެތަން ހުޅުވަން މަސައްކަތް ކުރި ނަމަވެސް ފެންއަރުވާ ވަޑާން ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން ނުހުޅުވުނީއެވެ. އަދި ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓު ޖުމްހޫރީ ޕާކުގައި ބެހެއްޓީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

އެ ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން އެމްޓީސީސީން ހެދި ތަނެކެވެ. އެކި ގޮތްގޮތަށް އެކި ކުލަތަކުން ދިއްލޭ ފެންއަރުވާ ވަޑާމަކީ އާންމުންނަށް ވެސް އެތަނުގެ ތެރެއަށް ވަދެވި ކުޑަކުދިންނާއި ބޮދެތި މީހުންވެސް ފެނުގެ ތެރޭ ތެމި އުފާކޮށްލުމަށް ގިނަ ބަޔަކު ގޮސް އުޅުން ތަނެކެވެ.