އިދިކޮޅުން އަމިއްލައަށް ބޭޒާރުވާތީ އުފާކުރައްވާ ކަމަށާއި ފުށިދިއްގަރުފަޅުގެ އިތުރު ތަފްސީލު މާދަމާ ރޭ ހާމަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި އުތުރު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ، ބަޖެޓު ފާސްކުރި އިރުގައި ފުށިދިއްގަރުފަޅު ހިއްކަން ޖެހި 400 މިލިއަން ރުފިޔާ އުނިކޮށްލި ގޮތަށް ދެން ވެސް އެކިކަހަލަ ހުރަސްތައް ކުރިމަތިކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެ ބަޖެޓު އުނިކޮށްލީމާ ދެން އަޅުގަނޑުމެން މި ޖެހުނީ ފޯމިއުލާއެއް ނެރެން، ދައުލަތުގެ ބަޖެޓުން އެންމެ ރުފިޔާއެއް ވެސް ދޭން ނުޖެހޭނެ ގޮތަށް، ރައްޔިތުންގެ އަތުގައި ބާރު އޮންނަ ގޮތަށް. އޭގެ އިތުރު ތަފްސީލު އަޅުގަނޑު މާދަމާ ރޭ ހާމަކުރާނަން. ކަނޑައެޅިގެން ބުހުތާނު ދޮގު އަޅުގަނޑުމެން ކުރާ މަސައްކަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ދައްކާތީ ތަފްސީލާއެކު އަޅުގަނޑު މާދަމާ ރޭ ހުރިހާ އެއްޗެއް ކިޔައިދޭނަން. އަޅުގަނޑު ވަރަށް އުފާކުރަން އަމިއްލައަށް ބޭޒާރުވާން މަސައްކަތްކުރާތީ. މާދަމާ ރޭ އަޅުގަނޑު އެ ވާހަކައިގެ ތަފްސީލު ކިޔައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ދައުރުގައި މަޖިލީހުގެ މެޖޯރިޓީ އާއި ސަރުކާރާއެކު މަޖިލީހުގެ ބޭނުން ނާޖާއިޒު ގޮތުގައި ކޮށްގެން މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީ ވެސް ކޮންޓްރޯލުކޮށްފައިވާ ކަމަށާއި އަނިޔާވެރިކަން ވެސް އިންތިހާއަށް ގޮސްފައި އޮތް ކަމަށެވެ. އަދި މުޅި ދައުލަތް ކޮންޓްރޯލުކޮށްގެން ވެސް މާލޭގެ ރައްޔިތުންގެ ގެދޮރު މައްސަލަ ހައްލުކޮށްދެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން މިހާރު ތިމަންނަމެންނަށް އަނެއްކާވެސް އެ މެޖޯރިޓީ ދިނީމައޭ މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނީ، މި ވާހަކަ ދެއްކީމާ ގަބޫލުކުރާނެ ބޭފުޅަކު އަޅުގަނޑު ހިތުން ނުހުންނާނެ. މިއީ އަޅުގަނޑުމެން ލޯމަތިން ފެނުނު އަހަރުތަކެއްގެ ވާހަކަ މި ދެންނެވީ. މީގައި އެބައޮތްތޯ އެ ނޫން ގޮތަކަށް ދިޔަ ކަމެއް އަޅުގަނޑަށް ދެންމެ ދެންނެވިފައި، ނެތް. އެއްވެސް ރައްޔިތަކު ނެތް އެ ސަރުކާރުގައި މަޖިލީހުގައި މިހާރު އޮތް މެޖޯރިޓީ އޮވެގެން މާލޭގެ ރައްޔިތުންނަށް ދެވުނު ގޯއްޗެއް، ފުލެޓެއް. ހަވާލުކުރެވިފައެއް ނެތެއް ނޫންތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި އަލަށް ފެށި މަޝްރޫއެއް ވެސް ނެތް ކަމަށާއި ފުރަތަމަ ތިން، ހަތަރު އަހަރު ބޭކާރުކޮށްލީ އެއީ ބޭނުން ނެތް ތަނަކަށް ހަދާފައި ކަމަށެވެ. އަދި މުޅި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ގެދޮރުގެ ކަންތައް ދިޔައީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.