އާސަންދަ ސްކީމްގެ ދަށުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ޕެކޭޖު ތައާރަފްކޮށް، 18 އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް މިއަދުން ފެށިގެން ސްކްރީނިން ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ސަރުކާރުން މިދިޔަ ޖެނުއަރީގައި މެޑިކަލް ޗެކަޕް ހަދަން ފެށީ 50 އަހަރުން މަތީގެ މީހުންނާއެކުގައެވެ. 19 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންނަށް މެޑިކަކް ޗެކަޕްގެ ހިދުމަތް ފަށަން ނިންމާފައިވަނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.
އާސަންދަ ކުންފުނިން ބުނީ، ސަރުކާރުގެ ހަފުތާ 14 ގައި ހިމަނާފައިވާ މަގުޗާޓުގައި ހިމެނޭ ގޮތަށް، 35 އަހަރުން މަތީގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. އޭގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށްހެދޭނެ އިންތިޒާމް ހަމަޖައްސައިވާނެ ކަމަށެވެ.
"1 ޖަނަވަރީ 2024 ގައި ތައާރަފް ކުރެވުނު މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖަށް ވަނީ ބަދަލުގެނެވިފައި، މިގޮތުން 19 އަހަރުންމަތީގެ އުމުރުފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ވަނީ ބަދަލުގެނެވިފައި،" އާސަންދައިން ބުންޏެވެ.
އާސަންދައިން ބުނީ މިއަދުން ފެށިގެން އިތުރުކުރި ޕެކޭޖުތަކަކީ 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެއް ކަމަށެވެ. އަދި ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވައި، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެ ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދީފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އާސަންދައިން ބުންޏެވެ.
އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ އުސޫލު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކުރީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުގައެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފުތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ވައުދުގެ ތެރެއިން ވައުދެކެވެ.
އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ އިތުރުން ޕީސީއޯއެސް އާއި އެންޑޮމެޓްރިއޯސިސް ފަރުވާ ދިނުމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު