ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކުރިއަރުވާނެ ގޮތް ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ވިދާޅުވެދެއްވާން ޖެހިވަޑައިނުގަންނަވާނެ ކަމަށް އެ ދެ ޕާޓީގެ ޗެއާޕާސަން އަދި ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރައީސް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ސ. ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ ކެމްޕޭން ހަރަކާތެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ކޮންމެ ރެއަކު ރައީސް ޔާމީން ބައިވެރިވެވަޑައިގެން، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބާއްވަމުން ގެންދާ ޖަލްސާތަކުގައި ސަރުކާރަށް ފާޑުކިޔާތީ އެކަމަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންއެފުން މަސައްކަތް ކުރަނީ، ރައްޔިތުންނާ ސަރުކާރާ ޖެއްސުމަށް ކަމަށާއި ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތައް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއާ ގުޅޭގޮތުން ވާހަކަ ދައްކަވަން ޔާމީނަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ނުސީދާ ގޮތެއްގައި ވިދާޅުވެފައެވެ.

"އަންހެނުން ވަރިކޮށްފައި ދެން އެ ވަރިކުރި އަނބިމީހާ މާ ރަނގަޅުގޮތް އެދިގެން ނުވަތަ މާ ހެޔޮގޮތް ހޯދާދޭން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއްނޫން. ވަރިކޮށްލާނީ ހިތްހަމަނުޖެހުނީމަ،" ރައީސް ޔާމީންނަށް ނުސީދާކޮށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަށް ރަނގަޅުވާނެ ގޮތް ހޯއްދަވާނީ ރައީސް މުއިއްޒު ކަމަށާއި ޕާޓީއަށް ދިރުން ގެނެސްދެއްވޭނީވެސް އެ މަނިކުފާނަށް ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ މަގުމަތިކޮށްލަންވެސް ބަޔަކު މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ފުރުސަތު ދީފައި ނުވާނެ ކަމަށެވެ. އަދި އަމިއްލަ މަސްލަހަތުގައި އެހެން އެންމެން ކަތިލަން ދިމާކުރުމަކީ ގައުމަށް އިހުލާސްތެރިވުން ނޫންކަމުގައި ވިދާޅުވިއެވެ.