އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލު، މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރަން ވަގުތީ ކޮމިޓީއަކަށް ފޮނުވައިފިއެވެ.

އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި މި ބިލު މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި 43 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު މަޖިލީހަށް ބަލައިގަތުމުން ބިލު އިތުރަށް ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވަން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ. އެ ހުށަހެޅުން ފާސްކުރީ ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ނުފެންނަ ކަމަށް ހަ މެންބަރުން ވޯޓު ދެއްވިއެވެ.

އެކަމަށްޓަކައި ވެލިދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވި ފުރަތަމަ ކޮމިޓީގައި ތިއްްބެވީ، އެމްޑީޕީގެ މެންބަރުން ކަމަށްވާ، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އާއި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީގެ އިތުރުން ޑިމޮކްރެސްގެ ދެ މެންބަރުން ކަމަށްވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ. މި ކޮމިޓީއަށް ތާއީދު ކުރެއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

ނަމަވެސް ޑިމޮކްރެޓްސްގެ އިލިޔާސް ލަބީބު ވިދާޅުވީ، އެ ކޮމިޓީން އޭނާ ތަނާޒުލުވާ ކަމަށެވެ. އެހެންކަމުން އޭނާގެ ބަދަލުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެ ކޮމިޓީގައި ހިމެނުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވިއެވެ. އެ ހިސާބުން ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވިދާޅުވީ އެ ޕާޓީގެ މެންބަރުން އެ ކޮމިޓީގައި ތިއްބަވާނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ޕާޓީތައް ތަމްސީލުވާގޮތަށް ކޮމިޓީ އެކުލަވާލާނަމައެވެ. އެ ހުށަހެޅުމަށް އީވާ ތާއީދު ކުރެއްވިއެވެ. އަދި ޕާޓިގެ ފަރާތުން ކޮމިޓީގައި އިންނަވާނެ މެންބަރެއް ކަނޑައަޅާނީ އެ ޕާޓީއެއްގެ ފަރާތުން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޕާޓީތަކުގެ ޕީޖީލީ ޑަރުން މަޝްވަރާކުރުމަށް 15 މިނެޓުގެ ވަގުތުކޮޅަކަށް މަޖިލިސް ޖަލްސާ މެދުކަނޑައިލިއެވެ.

އެކަމާ ގުޅިގެން އީވާވެސް ތަނާޒުލުވިއެވެ. އޭނާ ވިދާޅުވީ، އެ ބިލު ގެންދަން ޖެހޭނީ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއަކުން މެންބަރުން ހިމެނޭ ކޮމިޓީއަކަށް ކަމަށެވެ.

އެ ހިސާބުން ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވިދާޅުވީ އެ ޕާޓީގެ މެންބަރުން އެ ކޮމިޓީގައި ތިއްބަވާނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ޕާޓީތައް ތަމްސީލުވާގޮތަށް ކޮމިޓީ އެކުލަވާލާނަމައެވެ. އަދި ޕާޓިގެ ފަރާތުން ކޮމިޓީގައި އިންނަވާނެ މެންބަރެއް ކަނޑައަޅާނީ ޕާޓީގެ ފަރާތުން ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ގުޅިގެން ޕާޓީތަކުގެ ޕީޖީ ލީޑަރުން މަޝްވަރާކުރުމަށް 15 މިނެޓުގެ ވަގުތުކޮޅަކަށް މަޖިލިސް ޖަލްސާ މެދުކަނޑައިލިއެވެ.

އެ މަޝްވަރާތަކަށްފަހު ޖަލްސާ ފެށުމުން ޕީއެންސީގެ ޕީޖީ ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، މަޖިލީހުގައި ދާއިމީ ކޮމިޓީތަކެއް އެކުލަވާލާފައިވާ ކަމަށާއި، އެއީ މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ނިސްބަތުން ބަހައި ހަމައަށް ލިބޭގޮތަށް ކަނޑައަޅާފައިވާ ކޮމިޓީތަކެއް ކަމަށެވެ. އެހެންކަމުން މިފަދަ ބޮޑު މައްސަލައެއް ދާއިމީ ކޮމިޓީއަކަށް ނުފޮނުވައި އެކަމަށް ވަކި ކުޑަ ކޮމިޓީއެއް ހަދަން ޕީއެންސީ ތާއީދު ނުކުރާ ކަމަށާއި، ދާއިމީ ކޮމިޓީން ނޫން ގޮތަކަށް އެ ޕާޓީން ތާއީދު ނުކުރާ ކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.

ނަމަވެސް ރިޔާސަތުން ވިދާޅުވީ، މަޖިލީހުން ފާސްކޮށްފައިވަނީ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ބިލު ފޮނުވަން ކަމަށެވެ. އެހެންކަމުން އެ ކޮމިޓީއަށް މެންބަރުން ހުށަހެޅުމަށް އަނެއްކާވެސް ފުރުސަތު ހުޅުވައިލެއްވީ ކަމަށްވެސް ރިޔާސަތުން ވިދާޅުވިއެވެ.

ކޮމިޓީ އެކުލަވާލުމާ ބެހޭގުން ކުރިއަށްދިޔަ މަޝްވަރާތަކާ ބެހޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، އެ ކޮމިޓީގައި ބައިވެރިވާން ޕީއެންސީންވެސް ބޭނުމެއްނުވި ކަމަށާއި، ޑިމޮކްރެޓްސްގެ މެންބަރުންގެ ތެރެއިން ހުށަހެޅި ބޭފުޅުން ކޮމިޓީން ތަނާޒުލުވެފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ އެމްޑީޕީގެ މެންބަަރުން ކޮމިޓީގައި ހިމެނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ހަތް މެންބަރުގެ ކޮމިޓީ ހުށަހަޅުއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ، ބޭނުންވީ ހުރިހާ ޕާޓީތަކުގެ މެންބަރުން އެ ކޮމިޓީގައި ހިމެނުމަށް ކަމަށެވެ. ނަމަވެސް ފެނިގެންދިޔައީ އެ ކޮމިޓީ ހަދަންވެސް އެމްޑީޕީ ފިޔަވައި އެހެން މެންބަރަކު ވޯޓު ނުދިން ތަން ކަމަށާއި، މިފަހަރު ކޮމިޓީ އެކުލަވާލަން ބެލިއިރު ފެނުނީ އެހެން ޕާޓީތަކުގެ މެންބަރުން ޖަލްސާއިން ނުކުމެވަޑައިގެންނެވިތަން ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރިން ކޮމިޓީން ތަނާޒުލުވި އަފީފާއި އިލިޔާސް ލަބީބުގެ ބަދަލުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހިމަނައި ކުރިންވެސް ތިބި މެންބަރުންނާއެކު އެ ކޮމިޓީ އަލުން ހުށަހެޅިއެވެ.

އެމްޑީޕީ އެކަނި އޮތަސް ރާއްޖޭގެ ދުސްތޫރު ހިންގާނެ ކަމަށްބުނެ އެ ހުށަހެޅުމަަށް ތާއީދު ކުރެއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެއަށްފަހު އެ ކޮމިޓީ މަޖިލީހުން ފާސްކޮށް އެ ބިލު ކޮމިޓީއަށް ފޮނުވިއެވެ.

އެ ބިލުގައި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާއި އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީ މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.