ސަރުކާރުގެ ޝައުގު އެ ބިލަށް ނެތް ކަމަށް ފެންނާތީ ކަމަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވޯޓު ދެއްވައިގެން ސަރުކާރުން ހުށަހެޅި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލު ސަރުކާރުން ރައްޔިތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު ވޯޓު ނެގިއިރު ސަރުކާރަށް ނިސްބަތްވާ މެންބަރުން މަޖިލިސް ތަޅުމުން ވަނީ ނުކުމެވަޑައިގެންފައެވެ. އެއީ އެންޓި ޑިފެކްޝަން ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ނުފޮނުވި މައްސަލައިގައެވެ. މަޖިލީހުން ފާސްކުރީ އެ ބިލު ދިރާސާ ކުރަން ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށެވެ.

އެކަމާ ގުޅިގެން ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، މަޖިލީހުގައި ދާއިމީ ކޮމިޓީތަކެއް އެކުލަވާލާފައިވާ ކަމަށާއި، އެއީ މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ނިސްބަތުން ބަހައި ހަމައަށް ލިބޭގޮތަށް ކަނޑައަޅާފައިވާ ކޮމިޓީތަކެއް ކަމަށެވެ. އެހެންކަމުން މިފަދަ ބޮޑު މައްސަލައެއް ދާއިމީ ކޮމިޓީއަކަށް ނުފޮނުވައި އެކަމަށް ވަކި ކުޑަ ކޮމިޓީއެއް ހަދަން ޕީއެންސީ ތާއީދު ނުކުރާ ކަމަށާއި، ދާއިމީ ކޮމިޓީން ނޫން ގޮތަކަށް އެ ޕާޓީން ތާއީދު ނުކުރާ ކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.

އެހެންކަމުން އެ ވަގުތު މަޖިލިސް ތަޅުމުގައި ތިއްބެވި 28 މެންބަރުންގެ ތެރެއިން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ބަލައި ގަންނަން ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ ޑިމޮކްރެޓްސްގެ މެންބަރު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ. އަދި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ވެސް އެންމެ މެންބަރެކެވެ. އެއީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

ކޮންމެ ކޮޅަކަށް އެއް ވޯޓު ލިބިފައިވާތީ، އެ ނަތީޖާ ޖަލްސާގެ ރިޔާސަތުން އިއުލާން ކުރައްވަމުން މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ސަލީމް ވެސް ވިދާޅުވީ އެއީ އާދަޔާ ހިލާފު ނަތީޖާއެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނަނީ، މަޖިލީހުގެ ރައީސް ނުވަތަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާ މީހަކު މަޖިލީހުން ނިންމާ ނިންމުންތަކުގައި ވޯޓު ދީގެން ނުވާނެ ކަމަށެވެ. ނަމަވެސް ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަހަމަ ވެއްޖެ ހާލަތެއްގައި މަޖިލީހުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މީހަކު އޭނާއަށް ފެންނަ ކޮޅަކަށް ވޯޓުދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިއަދުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ، މިއަދުގެ ޖަލްސާގައި އެކަންކަމަށް ވޯޓަށް އަހާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. ނަމަވެސް ބިލަށް ވޯޓަށް އެއްސެވިއިރު ތަޅުމުގައި ސަރުކާރަށް ނިސްބަތްވާ އެއްވެސް މެންބަރަކު ނެތްކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މި ބިލުގެ މުހިއްމުކަން ސަރުކާރު މެންބަރުންގެ ފަރާތުން ފެނިފައިނުވާތީ ބިލު ބަލައި ގަންނަން ނުފެންނަކަމަށް ވޯޓުދެއްވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ލިބުނު ދެ ވޯޓާއެކު އެ ބިލު ބާތިލުވީކަމަށް ރިޔާސަތުން އިއުލާން ކުރެއްވިއެވެ.

މި ބިލުގައި ސޮވްރިން ފަންޑަށް އިންވެސްޓްކޮށްގެން ނަފާ ހޯދުމުގައި އަމަލުކުރަންޖެހޭ ސިޔާސަތުތަކާއ،ި ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި ފަންޑާ ގުޅުންހުރި ދައުލަތުގެ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަނީ ބަޔާންކޮށްފައެވެ.

އެ ފަންޑުގެ މަގުސަދަކީ ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސޯދީ ކާރިސާގެ ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުމެވެ.

ކުރިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އެ ފަންޑަށް ޖަމާކުރަނީ ޓޫރިސްޓުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އެވެ.

ނަމަވެސް ސޮވްރިން ފަންޑުގެ ބިލުގައިވާ ގޮތުން އެ ފަންޑަށް އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 10 ޕަސެންޓާއި ސޮވްރިން ގެރެންޓީގެ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އާއި ފަންޑު ބެލެހެއްޓުމަށް އެކުލަވާލާ ގަވަނިން ކައުންސިލުގެ ލަފާގެ މަތިން ފަންޑަށް ޖަމާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެހެނިހެން ފައިސާ ޖަމާކުރާނެއެވެ.

ސޮވްރިން ފަންޑުގެ މެނޭޖުކޮށް ބެލެހެއްޓުމަށް އެކުލަވާލާ ގަވަނިން ކައުންސިލުގެ ޒިންމާތަކާއި އެ ކައުންސިލުގެ އޮނިގަނޑާއި އައްޔަން ކުރާ މެމްބަރުންގެ ހުންނަންޖެހޭ ޝަރުތުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.