ގޯތިގެދޮރު ހެދުމަށް ދޫކުރާ ހާއްސަ ލުއިލޯނުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒަމީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ޗާންދަނީ މަގުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އެއް ކަމަކަށް ހިމަނާފައިވާނީ ގޯތިގެދޮރު ހެދުމަށް ފަސް ޕަސަންޓަށްވުރެ އިންޓަރެސްޓް ރޭޓު މަތިނުވާނެ ލޯން ސްކީމުތަކެއް ތައާރަފުކުރުން ކަމަށެވެ.
"އެކަން ކުރުމަށްޓަކައި ވެސް އަޅުގަނޑުމެންގެ މިދިޔަ 100 ދުވަސްތެރޭގައި ވަރަށް ގިނަ މަސައްކަތްކުރެވި މިހާރު ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރިހާ ފަންނީ، ޓެކްނިކަލް މަސައްކަތްތަކެއް ނިމުމަކާ ހަމައަށް ގޮސްފައިވަނީ. އަޅުގަނޑަށް ގަބޫލުކުރެވެނީ ވަރަށް އަވަހަށް ދެން ބާކީ ހުރި ހުރިހާ ކަމެއް ނިންމާލައިގެން އަޅުގަނޑުމެންނަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް. މިހާރު އެވަނީ ގާތްގަނޑަކަށް އެ ލޯނު ސްކީމު އިއުލާންކުރެވޭ ހިސާބަށް ގެންދެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ތެރެއިން ކަމާބެހޭ މިނިސްޓްރީން އަމިއްލަ ގޯތީގައި ގެދޮރު ހެދުމަށްޓަކައި އަތްފޯރާފަށުގެ ލޯން ސްކީމު ދާދި އަވަހަށް ހުޅުވާލާނެ ކަމަށާއި އެ ލޯންތަކަކީ ކޮންވެޝަނަލް ލޯން އަދި އިސްލާމިކް ފައިނޭންސް ލޯނުތައް ކަމަށެވެ.
"އެއީ މި މާލެ ސިޓީގައި ވިޔަސް، އަދި އެހެން ރަށްތަކުގައި ވިޔަސް އަމިއްލަ ގެދޮރު ހުރެ، އެ ގޭގައި ނުވަތަ ގޯތީގައި ގެއެއް އިމާރާތްކުރެވޭނެ ފަދަ ތަނަވަސްކަން ނެތް، އާންމުކޮށް މި ހުންނަ ކޮމާޝަލް ރޭޓުތަކުގައި ބޭންކަށް ގޮސް ލޯނު ނަގައިގެން ގެ ނެހެދޭނެ މީހުންނަށް އަތްފޯރާފަށުގައި ލުއި ލޯނުތަކެއް ތައާރަފުކުރުމަށް، އަމިއްލަ ގެ ހެދުމަށްޓަކައި ދޭ ލޯން ސްކީމެއް. އޭގެ ތެރެއިން އެއް ލޯން ސްކީމަކީ ފަސް ޕަސަންޓަށްވުރެ އިންޓަރެސްޓް ރޭޓު ބޮޑުނުވާނެ ލޯނު ސްކީމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަދަން ފަށާފައި ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތައް ނިންމުމަށްޓަކައި ހޯމް ކޮމްޕްލީޝަން ލޯން ތައާރަފުކުރައްވާނެ ވާހަކަ ދެންނަވާފައިވާނެ ކަމަށާއި އޭގެ އިތުރަށް ގިނަ ދުވަސްތަކެއްވެ، މަރާމާތުކޮށް ރިނޮވޭޝަން ބޭނުންވެފައި ހުރި ގެތަކަށް ބޭނުންވާ ލޯން ސްކީމެއް ތައާރަފުކުރައްވާނެ ވާހަކަ ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި އަތްފޯރާފަށުގެ އެ ލޯނު ސްކީމުތަކަށް ވެސް މިއަހަރުގެ ތެރޭގައި ހުޅުވާލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ މި ދެންނެވި ދެ ވައްތަރުގެ ލޯން ސްކީމުތައް ތައާރަފުކުރުމަށް ވެސް މަސައްކަތްތައް ފެށިފައިވަނީ. އެހެންވީމާ އެންމެ ފުރަތަމަ އަޅުގަނޑުމެން ދޫކުރަން ފަށާނީ އަލަށް ގޯތީގައި ގެ އެޅުމަށްޓަކައި ދޫކުރާ ލޯންތައް. އެ މަސައްކަތް މިހާރު އެންމެ ބާރަށް ގޮސް ނިމުމަކާ ހަމައަށް ގޮސްފައިވަނީ. ދެން އަޅުގަނޑު މި ދެންނެވި އަނެއް ދެ ލޯން ސްކީމު ވެސް އެއަށްވުރެ ތަންކޮޅެއް ލަސްވި ނަމަވެސް، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ދޫކުރަން ފަށާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ލޯން ސްކީމުތަކަކީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހުޅުވާލާ ލޯން ސްކީމެއް ކަމަށްވީ ނަމަވެސް، ނިސްބަތުން އެންމެ ގިނަ ރައްޔިތުން އުޅެނީ، އަދި ހާލަތު ބޮޑު ސިޓީއަކީ މާލޭ ސިޓީ ކަމަށްވާތީ މާލޭގެ ރައްޔިތުންނަށް ގިނަ ފުރުސަތު ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު