ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ ޗައިނާގެ ބޯޓަކަށް ހޫތީން ހަމަލާދީފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، މިދިޔަ ހޮނިހިރު ދުވަހު ހޫތީން ފޮނުވާލި ބެލިސްޓިކް މިސައިލް އަމާޒުވީ ހުއާން ޕޫ ނަމަކަށް ކިޔާ ޗައިނާގެ ތެޔޮ ޓޭންކަރަށެވެ. އެފަދަ ހަމަލައެއް ދިންކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑަށް ރިޕޯޓު ކުރި ނަމަވެސް އެހީއަށް އެދިފައިނުވާ ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށާއި އެ ތެޔޮ ޓޭންކަރުގެ ދަތުރު ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިޔަ ކަަމަށްވެސް ބުނެފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑާއި އިނގިރޭސި ނޭވީ އާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުން ޗައިނާގެ ބޯޓަށް ދިން ހަމަލާގައި ރޯވި އަލިފާން 30 މިނެޓް ތެރޭ ވަނީ ނިއްވާލައިފައެވެ.