ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ދީދީގެ ކެމްޕެއިނަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ގއ. މާމެންދުއަށް ވަޑައިގަތުމުން ހިންގި ހަމަނުޖެހުމެއްގައި މީހަކު އޭނާއަށް ހަމަލާ ދީފިއެވެ.

ނަރީޝް "ވަން" އަށް މިރޭ ވިދާޅުވީ، އެ މާރާމާރީ ހިންގީ ކޮލަމާފުށިން މާމެންދުއަށް 150 މީހުންގެ ޓީމަކާއެކު ކެމްޕެއިންނަށް ގޮސް އުޅެނިކޮށް ކަމަށެވެ. އެ މާރާމާރީ ހިންގާފައިވަނީ އެމްޑީޕީގެ ދެ އެކްޓިވިސްޓަކު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، އެ މީހުން އައިސް އޭނާއާ ޒުވާބުކޮށް، އެތަނުން އެކަކު އޭނާގެ ބުރަކަށީގައި ގޮށް މުށުން ޖަހައި މާރާމާރީ ހިންގި ކަމަށެވެ.

"އެ މީހުން މަސައްކަތްކުރި ދަގަނޑުބުރިއެއް ނަގަންވެސް. އެކަމު ފުލުހުން އައިސް ކޮންޓްރޯލްކޮށްފި އޭރު،" ނަރީޝް ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ މާރާމާރީގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 5:00 ޖަހާކަންހާއިރު ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ބަލަމުން އަންނަ ކަމަށް ބުންޏެވެ.