ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު މިވަގުތު ކުރިއަށް ނުދިޔަ ނަމަވެސް، އެ މަޝްރޫއަށް ހުއްޓުމެއް އައިސްފައިނުވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާލުވެއްޖެއެވެ.
ރޭޑިއޯ ބިލްޑިންގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓު ފާސްކޮށްފައި އޮތް އިރު، އުނި ކޮށްފައި އޮތް މަޝްރޫއަކަށް ވާތީ، އެ މަޝްރޫއު ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކޮންޓްރެކްޓަރަކާއެކު ސޮއިކޮށްގެން ކަމަށެވެ.
"މިވަގުތު ސީދާ ބިންހިއްކުމުގެ މަޝްރޫއު ކުރިއަކަށް ނުދޭ. އެހެންނަމަވެސް މިވަގުތު އެ މަޝްރޫއު ހުއްޓިފައޭ ބުނުމުން މުޅިން ރަނގަޅެއް ނުވާނެ،" ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާލުވީ، ރަސްމާލެ ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން ބަންޑު ވޯލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް އެކަމުގައި ދެ މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އޭގެން އެއްކަމަކީ، ސޮއިކުރި ކޮންޓްރެކްޓަރާއި ބޮސްކާލިސްއާއެކު ކަންތައްތަކެއް ހަމަޖެއްސުމަށް ހުރި އިރު، މިވަގުތު ބޮސްކާލިސް އިން ގުޅިފަޅު ހިއްކަން ބޭނުންކުރަނީ އެންމެ ޑްރެޖަރެއް ކަމަށްވުމުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެ ޑްރެޖަރުން ގުޅިފަޅު ހިއްކާފައި، އެ ޑްރެޖަރު ބަދަލުކުރުމުގެ ވިސްނުމެއް އެ ކުންފުނިންވެސް ގެންގުޅޭ ކަމަށާއި ރަސްމާލެ މަޝްރޫއަކީ ދައުލަތުން ހަރަދު ކުރާ ޕްރޮޖެކްޓަކަށް ނުވުމުން އާ ޑްރެޖަރެއް ގެނައުމަކީ ދައުލަތުގެ ހަރަދު ބޮޑުވާނެ ކަމަކަށް ވާތީ، އެކަން ނުކޮށް މިހާރު އޮތް ޑްރެޖަރުގެ ބޭނުން ކުރަން ވިސްނުން ގެންގުޅޭ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
"ދެވަނަ ކަމަކަށް އެ މަސައްކަތް ފެށި އިރު އެ ސަރަހައްދުން ވެލި ނެގުމަށް މާބޮޑު އޭރިއާއެއް ސްޓަޑީ ކޮށްފައެއްވެސް ނެތް. ފުރަތަމަ ފަށާއިރުގައި ފަށާފައި ސްކޭން ސާޗް ކެމްޕޭނު ގެންދާގޮތަށް ނަމަވެސް މިހާރު އެބޭފުޅުން ދެއްވާ މައުލޫމާތަކީ އެބޭފުޅުން ވެލިނެގި ތަނުގައި ކުރިއަށްގެންދާ ވަރަށް ވެލި ނެތީމަ ތަންކޮޅެއް އެކްސްޓެންޝަންކޮށް ސެން ސާޗް ކެމްޕެއިނެއް ކުރިއަށް ގެންދަން. އެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށްޓަކައި މަސައްކަތް ކުރަމުންދަނީ،" މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބް އިތުރަށް ވިދާޅުވީ، ހަގީގަތުގައި އޭރު ވީހާވެސް އަވަހަށް މަޝްރޫއު ފެށުމަށް ކުރި މަސައްކަތުގެ ތެރެއިން ސަރުކާރުން މަސައްކަތް ފެށޭނެ ގޮތަކަށް ސޮއިކޮށްގެން ކުރިއަށްގެންދިޔަ ކަމަށާއި ކޮންޓްރެކްޓަރު ހަރަދުތައް ކުޑަކުރުމަށް އެ ފަރާތުގެ ރާއްޖޭގައި އޮތް ޑްރެޖަރު ބޭނުންކުރުމަށް ވިސްނަވާ ކަމަށެވެ.
"އެއީ ސީދާ ވެލި އެޅުމުގެ މަސައްކަތް މިވަގުތަށް ކުރިއަށް ނުދާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަވެފައިވަނީ. ގުޅިފަޅުން މަސައްކަތް ނިމުމަކާ ހަމައަށް އަންނާތީ، މާ ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް. ދެން ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުއަކީ ހަގީގަތުގައި ވަރަށް ހަރަދު ބޮޑުކޮށް، ވަރަށް އަގުބޮޑުކޮށް ހަވާލުކޮށްފައި އޮތް މަޝްރޫއެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނެސްދިނުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުންދާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގައެެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދޭ ގޮތަށެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ވަނީ ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު