ކ. ކާށިދޫ ބޯޓުޔާޑުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ދެ ދޯންޏެއް އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކާށިދޫ ކައުންސިލުގެ ރައީސް މުހައްމަދު އާމިރު މިއަދު "ވަން" އަށް ވިދާޅުވީ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ދެ ސަޕްލައި ދޯންޏާއި އެއް ބޮއްކުރާ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ. އޭނާ ވަނީ އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"އެއީ 12:30 ހާއިރު. އެ ސަރަހައްދަށް ދެވުނީ ހުޅުގަނޑު ރޯވި ގަނޑިޔަށް. ރަށުގެ އުތުރު އަވަށުގެ ހިއްކި ބިން ސަރަހައްދު. ބޮޑަށް ބެލެވެނީ ހަމަ ރޯކޮށްލާފައި ކަމަށް. ސަބަބުތައް ހުރެގެން އެގޮތަށް މި ދަންނަވާލީ. ވަކި ބަޔަށް ތުހުމަތު ކޮށްގެން އެކަން ކުރާކަން ނެތިން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޯވި އަލިފާންގަނޑު ނިއްވާލަން ދަތިވި އެއް ސަބަބަކީ އަލިފާންގަނޑު ނިއްވައިލެވޭ ވަރަށް ވުރެން ގަދަޔަށް ހުޅުގަނޑު ރޯވެފައި ހުރުމުން ކަމަށެވެ.

"ނިވާލަން ކުރެވުނު މާބޮޑުކަމެއް ނެތް. ފުލުހުންނަކަށްވެސް ކައުންސިލަކަށްވެސް. އަލިފާންގަނޑު ނިއްވައި ލެވުނީ އަނދައި ހުލިވިފަހުން،" އާމިރު ވިދާޅުވިއެވެ.

ރޭ އެނދި އެއް ދޯނީގެ ވެރިފަރާތުން "ވަން" އަށް ބުނީ، އެ ބޯޓު ޔާޑުގައި އެހެލާފައިވާ ދޯންޏަކީ މަރާމާތައް އެހެލާފައިވާ 73 ފޫޓްގެ ލަކުޑި ދޯންޏެއް ކަމަށެވެ. އަދި އެ ދޯނީގެ ހަމައެކަނި ބޮޑީގަނޑުގެ އަގު އަށް ލައްކައަށް ވުރެ ބޮޑުވާނެ ކަމަށެވެ. އަދި ބޯޓުގެ އެތެރޭ ހިފައި ގެންގުޅޭ ސާމާނާއި އެހެނިހެން މުދަލުގެ ޖުމްލަ އަގުމަގު ކޮށްފައި ނޫނީ އެތަކެތީގެ އަގު ބުނަން ނޭނގޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެ ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ލިބުނީ ރޭ މެންދަމު 01:24 ހާއިރެއެވެ. އެމްއެންޑީއެފް ފަޔާ ފައިޓަރުން އެރަށަށް ދެވުނީ ފަތިހު 04:40 ހާއިރެވެ. އެ ސަރަހައްދަށް ދެވުނު އިރު، އަލިފާން ރޯވި ދޯނިތައް ވަނީ އެއްކޮށް އަނދައި ހުލިވެފައި ކަމަށާއި އޭރުވެސް އަލިފާނުގެ އަސަރު ހުރުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން ކުރި މަސައްކަތުން މިއަދު ހެނދުނު 06:24 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި ނަމަވެސް އެ ރަށު އެއްގަމަށް އެހެލާފައި އޮތް ބޮޑު ދެ ދޯންޏާއި ކުޑަ ދެ ދޯނި ވަނީ އެ ހާދިސާގައި އެއްކޮށް އަނދައި ހުލިވެފައި ކަމަށެވެ.