މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ދޭކުން ގޯތި ދޫކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ލޭންޑް ޔޫޒް ޕްލޭންއާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. 

އެޗްޑީސީން އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖާ މުހައްމަދު ސިރާޖު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ބިން ލިބުނު ބައެއް މީހުން ގޯތީގެ އިންފާރު ރޭނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ބައެއް ހުރަސްތަކާ ހުރެ ބައެއް ފަރާތްތަކަށް އިންވަކިކޮށް ހަވާލުކުރުމުގައި ލަސްތަކެއް އެބަ އުޅޭ. ތިޔަ ފެނިވަޑައިގަންނަވަނީ ފެނާއި ނަރުދަމާގެ ސާވިސް ލައިން ގޯތިތެރެއަށް އަރާފައިވާ މަންޒަރު. ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކު އަރާ ގޮތަށް ގިނަ ގޯތިތަކެއް ކަނޑައަޅާފައި ހުރީ. މި ގޯތިތައް ދޫކުރުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ މި ނެޓްވޯކުތައް ގޯތިތަކަށް ނާރާނެ ގޮތަކަށް ރީލޮކޭޓް ކުރަން،" ސިރާޖު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އަކްރަމް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޯތި ދޫކޮށްފައިވާ ސަރަހައްދުގެ އަޑީގައި އެއްޗެހިތަކެއް ހުރިކަމުގެ މައުލޫމާތު އެޗްޑީސީން، އެއިރުގެ ހައުސިން މިނިސްޓްރީއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

"ބިންތައް ދޫކޮށްފައިވަނީ އެޗްޑީސީއިން ތައްޔާރު ކުރައްވާ ދެއްވި ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް. ފާހަގަ ކުރައްވާފައިވާ ގޮޅިތައް ގޯތީ ގެ ޕްލޮޓްތައް ވަނީ އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައަޅާފައި. ހައުސިން މިނިސްޓްރީއަކަށް ނޭނގޭނެ ބިމުއަޑީގައި އެއްޗެއް ހުރި ކަމެއް ނުވަތަ ނެތް ކަމެއް އެޗްޑީސީން ވިދާޅުނުވަންޏާ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ހައުސިން މިނިސްޓަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު، ޗައިނާ ކުންފުނިތަކަށް ވަކި މުއްދަތެއް ނެތް ގޮތަށް އަދި އެއްބަސްވުމެއް ނެތި ދީފައިވާ ބިންތައް ހުސްކުރުމުގައި ދަތިތަކެއް ދިމާވުމުގެ ސަބަބުން، ގޯތިތައް ދޫކުރުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ.