ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި އެ އެޖެންސީގެ މަގުސަދަކީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ސެކިއުރެޓީއާ ގުޅުން ހުރި ކަންކަމަށް ފާރަވެރިވުމެވެ. އަދި ސައިބާ ސެކިއުރިޓީ ދާއިރާގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތަށް ކަނޑައެޅުމާއި ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލުކަން އިތުރުކުރުމަކީވެސް އެ އެޖެންސީ އުފެއްދި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން ރާއްޖޭގެ ސައިބާ ސެކިއުރެޓީ ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ސައިބާ ސެކިއުރެޓީ ކުރިއެރުވުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުންވެސް އެ އެޖެންސީގެ މެންޑޭޓުގެ ތެރޭގައި ހިމަނާފައިވެއެވެ.

ސައިބާ ސެކިއުރެޓީގެ ކަންކަން ވަރުގަދަކުރިން އުފެއްދި އެ އެޖެންސީ ހިންގާނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ނޭޝަނަލް ސައިބާ ސެކިއުރެޓީ އެޖެންސީއަށް ދިވެހި ބަހުން ކިޔާ ނަމަކީ ސައިބާ ސެކިއުރެޓީއާ ބެހޭ ގައުމީ އިދާރާ އެވެ.