ހިޔާ ފުލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަަށް ޖަވާބުދެއްވުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ހިޔާ ފުލެޓުގައި ލިފްޓު ހަރުކުރުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. މިހާރު ވަނީ ލިފްޓު ހަރުކުރުމުގެ މަސައްކަތްކުރުމަށް ބަޔަކާއެކު އެއްބަސްވުމެއް ހަދައިފައި ކަމަށެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ޑިޒައިން މަސައްކަތް ނިމެނީ އެޑްވާންސް ޕޭމަންޓް ވަރަށް އަވަހަށް އެ ފަރާތަށް ސަރުކާރުން ދޭނެ. ދިނީމަ އެގްރީމެންޓް އޮންނަ ގޮތުން އެޑްވާންސް ޕޭމަންޓް ދޭތާ އެއްމަސް ތެރޭގައި މޮބިލައިޒްކުރަން ޖެހޭނެ. އެހެންނަމަވެސް އަޅުގަނޑު ވަރަށް ބޮޑަށް ބާރު އަޅާނަން އެއަށްވުރެ މާ އަވަހަށް ފަށަން. ދެން އެގްރީމެންޓް އޮންނަނީ މި މަސައްކަތް ފަށާތާ އެއް އަހަރު ތެރޭގައި ހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން. މިއީ ވަރަށް ބައިވަރު ލިފްޓު. ކޮންމެ އިމާރާތެއްގެ ދެ ލިފްޓު. އެހެންނަމަވެސް އެއަށްވުރެ އަވަހަށް ނިންމަން ސަރުކާރުން ވަރަށް ބަރަށް އަޅާނެ،" ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ލިފްޓު ހަރުކުރުމުގެ މަސައްކަތަށް ބޭނުންވާ ކަންކަން ހިޔާ ސަރަހައްދަށް މޮބިލައިޒްކުރާނެ ކަމަށެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ލިފްޓުތައް ހަރުކުރާ އިރު، އޭގެ ތެރޭގައި ސްޓްރެކްޗާ އެރުވޭ ލިފްޓުވެސް ހިމެނޭނެ ކަމަށެވެ.
އެހެންކަމުން ހިޔާ ފަލެޓުތަކުގައި ހަރުކުރާ ލިފްޓުތަކުގެ މަޝްރޫއު ނިމޭއިރު އެކަންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޔާ ފްލެޓުތަކުގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 200 މިލިޔަން ރުފިޔާވެސް ވަނީ ހިމަނައިފައެވެ.
ހިޔާ ފުލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް މިދިޔަ މަހު ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު