ކައުންސިލްތަކުން ނެރޭ ބަޔާންތައް ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ނޭންގޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ދެއްވި ލަފާ ގޯސް ނޫން ކަމަށާއި، ނަމަވެސް އެ ލަފައާ ގުޅިގެން އެލްޖީއޭއިން ދެން ކަން ކުރާނެ ގޮތެއް ނިންމާނީ އެލްޖީއޭގެ ބޯޑުގެ ލަފާގެމަތިން ކަމަށް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ޒުލްފާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެ އަތޮޅު ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އެންގި މައްސަލައިގައި އެލްޖީއޭގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭގޮތުން މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ކައުންސިލުުން ނެރުނު ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެންގުމުން އެގޮތަށް، ކައުންސިލްތަކުން ނެރޭ ބަޔާންތައް ބާތިލުކުރަން އެލްޖީއޭއަށް ނޭންގޭނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ. ހަމަ އެގޮތަށް އުޝާމް ވަނީ އެލްޖީއޭއަށްވެސް ލަފާ ދެއްވައިފައެވެ.

ކައުންސިލް ބަޔާން ބާތިލުކުރަން އެންގި މައްސަލައިގައި ގިނަ ސުވާލުތަކެއް ޒުލްފާއަށް ވަނީ އަމާޒު ވެފައެވެ.

ގިނަ މެންބަރުން ވިދާޅުވީ، އެކަމަކީ ގާނޫނުން ލިބިފައިނުވާ ބާރެއް ބޭނުންކޮށްގެން ޒުލްފާ ކުރެއްވި ކަމެއް ކަމަށެވެ. ސީއީއޯ ކަމެއް ކުރަންޖެހޭނީ އެލްޖީއޭގެ ބޯޑުން ލަފާ ހޯދައިގެން ކަަމަށް ގާނޫނުން ކަނޑައަޅާފައިވާ އިރު، އެ އެންގުން އެންގުމަށް އެލްޖީއޭގެ ބޯޑުގެ ލަފައެއް ޒުލްފާ ހޯއްދަވާފައިނުވާ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

އެގޮތުން އެލްޖީއޭގެ ބޯޑުން ނުނިންމައި ސީއީއޯގެ ހައިސިއްޔަތުން އަމިއްލައަށް އެފަދަ އެންގެވުމެއް އެންގިދާނެތޯ މެންބަރުން ސުވާލު ކުރެއްވިއެވެ. ޒުލްފާ ވިދާޅުވީ، ބަޔާން ބާތިލުކުރަން އެންގީ އެލްޖީއޭގެ ބޯޑަށް ހުށަހަޅައިގެން އެކަން ކުރަން ވަގުތު ނަގާނެތީ، އެކަމުގެ ސަބަބުން އިޔާދަ ނުކުރެވޭނެ ގެއްލުން ލިބިދާނެތީ ކަމަށެވެ. އަދި ބޯޑުން ނުނިންމައި، އެފަދަ އިދާރީ ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު ސީއީއޯއަށް ލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކުން ނެރޭ ބަޔާން ބާތިލުކުރަން އެލްޖީއޭއަށް ނޭންގޭނެކަމަށް އޭޖީ ލަފާ ދެއްވާފައިވުމަކީ، ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެންގި އެންގުން ބާތިލުކޮށް އެ ކައުންސިލްގެ ކިބައިން ސީއީއޯ މައާފަށް އެދެންޖެހޭނެ ކަމެއްކަމަށް ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އީސަ ވިދާޅުވިއެވެ.

އެގޮތަށް އަމަލު ކުރަން ވިސްނަވަންތޯ، ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އީސަ ޒުލްފާއާ ސުވާލު ކުރެއްވުމުން، އޭނާ ޖާވާބެއް ނުދެއްވައެވެ. ޒުލްފާގެ އެންގުމުގެ މަތިން އެ ސުވާލަށް ޖަވާބުދިނީ އެލްޖީއޭގެ ލީގަލް ޓީމުންނެވެ.

ޒުލްފާގެ ބަދަލުގައި އެ ސުވާލަށް ޖަވާބު ދެއްވަމުން ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ރަޝީދު ވިދާޅުވި، އޭޖީގެ ލަފާ ލިބިފައިވަނީ އެކަންތައް ހިނގައިދިޔަފަހުން ކަމަށެވެ. އެހެންކަމުން އެ ލަފައާ ގުޅިގެން ދެން ކަންކުރާނެ ގޮތެއްގެ ޕޮލިސީ ނިންމުމެއް ނިންމާނީ އެލްޖީއޭގެ ބޯޑަށް ހުށަހަޅައިގެން ކަމަށެވެ. ބޯޑުގެ ނިންމުމާ އެއްގޮތަށް ކަމަށެވެ.

އެގޮތުން މައާފަށް އެދުމަކީ ޕޮލިސީ ޑިޒިޝަނެއް ކަމަށް ނިންމައިފިނަމަ، އެކަން ވެސް އެލްޖީއޭ އިން ކުރާނެ ކަމަށާއި، އެކަމަށް އިތުރު ފިޔަވަޅެއް އަޅަން ނިންމައިފިނަމަ އެކަންވެސް ކުރާނެ ކަމަށެވެ. އަދި އަޅާނުލައި ތިބުމަށް ފާސްކޮށްފިނަމަ ތިއްބަވާނީ އެގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.