މާފުށީ ޖަލުން ގައިދީން ސްކޭމް ކޯލު ކޮށްގެން އަމިއްލަ ޖަމިއްޔާއެއްގެ އެކައުންޓަކުން ފަސް ލައްކަ ރުފިޔާ ނެގި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ފަރާތުން ވާހަކަދައްކަވަމުން އެ ޔުނިޓުގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ޔޫސުފް ލޫތު ވިދާޅުވީ، އޮޅުވައިލައިގެން މަކަރާއި ހީލަތުން ފަސް ލައްކައަށްވުރެ ގިނަ ފައިސާ ނަގާފައިވަނީ ޖަމިއްޔާއެއްގެ އެކައުންޓަކުން ކަމަށެވެ.

ލޫތު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު މާފުށި ޖަލުގައި އޮޕަރޭޝަނެއް ހިންގައި 22 އަށްވުރެ ގިނަ ފޯނު ހޯދައިފައިވާ ކަމަށެވެ.

ލޫތު ވިދާޅުވީ ސްކޭމްގެ ފައިސާ 40 އެކައުންޓެއްގައި ދައުރުކޮށްފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ގިނަ ތަންތަނެއް ބަލައި ފާސްކޮށް، މީހުން ދިރިއުޅޭ ގެތައް ބަލައި ފާސްކޮށް އަދި މީހުން ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ހެކި ގަރީނާ މިހާރު ވާނީ ހޯދާފައި،" ލޫތު ވިދާޅުވިއެވެ.

ޖަލު ސްކޭމެއްގައި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި އިރު، ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުން މީގެ ކުރިންވެސް ވަނީ އެކި ސްކޭމްތަކުގައި އެކި މީހުންގެ އަތުން ފައިސާ ވަގަށް ނަގައިފައެވެ.