ދިވެއްސެއްގެ އެހީގައި އިންޑޮނޭޝިޔާގައި އިމާރާތް ކުރި މިސްކިތް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ)ގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެ މިސްކިތަކީ ވަކި ފަރުދެއްގެ ދީލަތި އެހީގައި އިންޑޮނޭޝިއާގައި އިމާރާތް ކުރި މިސްކިތެއް ކަމަށެވެ.

އެ މިސްކިތުގެ އެތެރޭގައި 200-250 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށާއި އެ މިސްކިތުގެ ހަރިމްމަ ތެރެ ހިމޭނެ ގޮތަށް 300 މީހުންނަން އެ މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މިސްކިތުގެ މަސައްކަތް އޭއައިސީން ފެށީ 2022 ވަނަ އަހަރުއެވެ. އެ މިސްކިތް އިމާރާތް ކޮށްފައިވާ ސަރަހައްދަކީ ގުރުއާން ސެންޓަރަކާއި ބޯޑިން ސްކޫލެއް ހަދަން ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށް ވުމުން އެ މިސްކިތް ވެގެންދާނީ އެ ސަރަހައްދުގެ ބިންގާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަޒްހަދު ވިދާޅުވީ އެ އެއިޑުން 10 މިސްކިތެއް އިމާރާތް ކޮށްފައިވާ ކަމަށާއި ހަތަރު މިސްކިތެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ތަޖްރީ ޕްރޮގްރާމްގެ ދަށުން އިތުރު ދެ މިސްކިތެއް އިމާރާތް ކުރުމަށް ފަންޑު ހުޅުވާލައިފައިވާ ކަމަށެވެ. އެއީ ބެނިން އާއި ނައިޖީރިއާގައި އިމާރާތް ކުރުމަށް ނިންމާފައިވާ ދެ މިސްކިތް ކަމަށާއި 200 މީޓަރުގެ އެ ދެ މިސްކިތުގައި 240 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. މީގެން ކޮންމެ މިސްކިތަށް 572،000 ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މިސްކިތްތަކަށް ބެނުންވާ ކުނާ، ފަރުނީޗަރާއި ކާޕެޓުގެ އިތުރުން މިސްކިތުގެ ކޮންމެ އަކަމީޓަރަކަށް މުސްހަފެއް މިސްކިތުގައި ހުންނާނެ ކަމަށް ވެސް އޭއައިސީން ބުންޏެވެ.

އެ ޕްރޮގްރާމްގެ އިތުރުންވެސް އޭއައިސީން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ކުރިން ވެސް ބައެއް ގައުމުތަކުގައި މިސްކިތްތައް ވަނީ ބިނާ ކޮށްފައެވެ. އަދި އޭއާއިސީގެ ޕްރޮޖެކްޓް އަގުތައް ހަދައިފައިވަނީ، ކޮންމެ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި ދެމެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ހަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށްވެސް އޭއައިސީން ބުންޏެވެ.