ދިވެހި ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހުކޮށްފިއެވެ.

ނ. މާފަރު އެއާޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ތުރުކީން ގެނައި ޑްރޯންތައްވެސް ތައާރަފުކުރާނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި އެއާ ކޯޕްސްގެ ލޯގޯވެސް އިފްތިތާހުކޮށްފައިވެއެވެ.

"އެމްއެންޑީއެފް އެއާ ކޯ" އުފެދުމާއެކު، ވައިގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ބާރުގެ ހިދުމަތަށް އެންމެ ފުރަމަތަ ނެރެފައިވަނީ އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް ނުވަތަ އަސްކަރީ ޑްރޯންތަކެކެވެ.

ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގަނެފައިވާ "ބައިރަކްތާރު ޓީބީ2" ގެ އަސްކަރީ ޑްރޯންތަކަކަކީ ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރުން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯން ނެރެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.

ދިގުމިނުގައި ހަ މީޓަރު އަދި ފިޔަގަނޑުގައި 12 މީޓަރު ހުންނަ މި ޑްރޯން އަކީ 27 ގަޑިއިރަށްވުރެ ގިނައިރު އުދުއްސޭ އުޅަނދެކެވެ. ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯން 25،000 އަށްވުރެ ފޫޓު މަތިން އުދުއްސޭނެއެވެ. އަދި މި ޑްރޯންގައި 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ހުރެއެވެ.

އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތައް ހުންނަ މި ޑްރޯނަކީ ފުލީ އޮޓޮމޭޓެޑް އަދި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުންނަ އުޅަނދެކެވެ. މި ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފައެވެ. މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯއެވެ. އަދި މި ޑްރޯނުން އިންޓެލިޖެންސް ސަވޭލަންސް އޮޕަރޭޝަންސްތައް ހިންގުމުގެ އިތުރުން، އެޓޭކް މިޝަންސް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ވެސް ލިބެއެވެ.

ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ ހާއްސަ ޓީމަކުންނެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިއީ މި ހިދުމަތުގެ ފެށުން ކަމުގައިވިޔަސް، ސަރުކާރުގެ އަމާޒަކީ މޭންޑް އަދި އަންމޭންޑް ސިސްޓަމްތައް ސިފައިންގެ ހިދުމަތަށް ތައާރަފުކޮށް، ސިފައިންގެ ވައިގެ ހިދުމަތް ދައުލަތުގެ ފުދުންތެރިކަން ތަންދޭ މިންވަރަކުން ތަރައްގީ ކުރުން ކަމަށެވެ.

ދިވެހި ސިފައިންގެ ވައިގެ ހިދުމަތް ގާއިމުކުރެވުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތަކުގައި ދިވެހި ދައުލަތުން އަދާކުރުމަށް ލާޒިމުކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިހާރަށްވުރެ ފުރިހަމައަށް އަދާކުރުމަށް މަގުފަހިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އިންޑިއާ ކަނޑުގެ ގައުމުތަކާއި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އެހެން ގައުމުތަކާ ގުޅިގެން ކުރާ މަސައްކަތުގައި ރާއްޖެއަށް މިހާރަށްވުރެ މާނަވީ ދައުރެއް އަދާކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.