އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލް ގްރޫޕްއާ ހަވާލުކޮށްފިއެވެ.

ވިޓޯލް ގްރޫޕަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކާއިރު، ވިޓޯލްއަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔަރު އަދި ސިންގަޕޯރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް އެސްޓީއޯ އާއި ވިޓޯލްއާ ދެމެދު ވަނީ ޓާމް ޝީޓެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސިމާދު އިބްރާހީމެވެ. ވިޓޯލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ ޔަންގްއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖޭ ޔަންގް ވިދާޅުވީ، އިހަވަންދިއްޕޮޅަކީ ބަންކަރިންގެ ހިދުމަތް ދިނުމަށް ރަނގަޅު މަންޒިލެއް ކަމަށާއި އެ ސަރަހައްދުން ގިނަ ބޯޓުތައް ދަތުރުކުރާ ކަމަށެވެ. އަދިި ކުރިއަށް އޮތް މުސްތަގުބަލުގައި ރާއްޖެއަކީ ބައިނަލްއަގުވާމީ ބަންކަރިން ހަބަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ވިޓޯލް ފަދަ ކުންފުންޏަކުން ރާއްޖޭގައި އިންވެސްޓްކުރުމަކީ ރާއްޖެ ފަދަ ގައުމަކަށް ލިބޭ ކުރިއެރުމެއް ކަމަށާއި އިންވެސްޓަރުންނަށް ރާއްޖެ އޮތީ ހުޅުވާލައިފައި ކަމަށެވެ. އަދި ބަންކަރިންގެ ހިދުމަތް އިހަވަންދިއްޕޮޅުގައި ފެށުމަކީ އެކަމުގެ މަންފާ ރާއްޖެއަށް އެތައް ގޮތަކުން ކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެސްޓީއޯ އިން ބުނީ، ވިޓޯލް އާއެކު މިއަދު ސޮއިކުރީ ޓާމް ޝީޓެއްގައި ކަމަށާއި އެއީ އިހަވަންދިއްޕޮޅުގައި ބަންކަރިން ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ ކުރިން ސޮއެ ކުރެވޭ ޓާމް ޝީޓެއް ކަމަށެވެ.

އެގޮތުން އެއްބަސްވުމުގައި ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަންކަރަކިން ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނާނެ ބާޖަށް ސަޕްލައި ކުރުމާއި ވިޓޯލްގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިނަލްއަގުވާމީ ބަންކަރިން ހަބެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމެވެ. އަދި އެސްޓީއޯ ވެގެންދާނީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ފިޒިކަލް ބަންކާ ސަޕްލަޔަރަށެވެ.

އެސްޓީއޯ އިން ބުނީ، އިހަވަންދިއްޕޮޅުގައި ހަދާ ބަންކަރިން ފެސިލިޓީން ބޯޓުތަކައް ބޭނުންވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ލިބެން ހުންނާނެ ކަމަށާއި ޑިމާންޑް އޮތް ކަމުގައިވާނަމަ، ކުރިއައް އޮތް ތަނުގައި އެލްއެންޖީ އަދި ބަޔޯ ފިއުލްވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.