ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެ އަތޮޅު ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އެންގި މައްސަލައިގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެެވެ.
އެމަނިކުފާނުގެ ދަތުރުފުޅާ ގުޅިގެން މިމަހުގެ ތިންވަނަ ދުވަހު ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ރައީސްއާއި ވަޒީރުންގެ ވާހަކަފުޅުގެ މިސްރާބު ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ދެއްކެވި ވާހަކަފުޅަކަށް ބަދަލުވެފައިވާ ކަމަށެވެ.
"އެ ހަފުލާގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަގުސަދުގައި އިންތިޒާމު ކުރެވުނު ހަފުލާއަކަށް ބަދަލުވެގެންދިޔަ ދިއުން، މި ކައުންސިލުގެ ފަރާތުން ކުށްވެރިކުރަމެވެ. ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެ އެވެ،" ބަޔާނުގައިވެއެވެ.
ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ، އެ ބަޔާން ޖެހިގެން އައި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ބާތިލުކުރަން ލިޔުމުން އެލްޖީއޭ އިން އެ ކައުންސިލަށް އެންގި ކަމަށެވެ.
"އެލްޖީއޭ އިން ބުނީ ކައުންސިލްތަކަށް އެގޮތަަށް ބަޔާން ނުނެރެވޭނެ ކަމަށް. އަދި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ވިދާޅުވާ ކަންކަމަށް ކައުންސިލުން ފާޑުނުކިޔޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެނގި މައްސަަލަ ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅުއްވީ، އެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އީސައެވެ.
އެކަމާ ބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީއަށް އެލްޖީއޭ ހާޒިރުކޮށް ސުވާލު ކުރަން ހުށަހެޅުއްވީ، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. ތާއީދު ކުރެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.
މި ހުށަހެޅުމާ އެއްގޮތަށް ކޮމިޓީއަށް އެލްޖީއޭ ހާޒިރުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު