ސަރުކާރުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމް ފެށުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސާއި އެގްރިކަލްޗާ މިނިސްޓްރީ އަދި އެސްޑީއެފްސީއާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެސްޑީއެފްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީން އަލީއެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު ހުސެއިން ޝާމް އާދަމް ސޮއިކުރެއްވި އިރު، އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ އަހުމަދެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ، އެ އެއްބަސްވުމަކީ އެ މިނިސްޓްރީ އަދި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)"ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 15،188،700 (15.1 މިލިއަން) ރުފިޔާގެ މެޗިން ގްރާންޓް ސްކީމެއް ކުރިއަށްގެންދިއުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި އެ ރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާމާ ފޯރަމް ގްރޫޕެއް ހަދައި، އެ ފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މައުލޫމާތާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.
އެގްރިކަލްޗާ މިނިސްޓްރީން އިތުރަށް ބުނީ، ގްރީން ހައުސްތަކުގައި ހައިޑްރޮޕޯނިކްސް ސިސްޓަމް ގާއިމުކޮށްގެން ދަނޑުވެރިކަން ކުރަން ބޭނުންވާ ދަނޑުވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ގްރާންޓްއަށް އެދި ހުށަހެޅުމަށް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ކަމަށެވެ.
އެ ޕްރޮޖެކްޓުގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށްގެންދާ ކަމަށާއި އޭގެ ބޭނުމަކީ ކްލައިމެޓް ސްމާޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދައި އަހުލުވެރިކުރުވުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮޖެކްޓުން ކުރާ މަސައްކަތުން، އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ، ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނޑުވެރިކަން ފުޅާކޮށް، ފުޑް ސެކިއުރިޓީ ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު