ހުސްގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް އެ މާއްދާ ކޯޓުން އުވާލާފައި ނުވާތީ އެ މާއްދާ އުވާލަން ހުށަހަޅައި، ކަމާބެހޭގޮތުން މަޖިލީހުން ގޮތެއް ކަނޑައަޅަން މަޖިލިސް ތަޅުމުގައި ބަހުސަށް ހުޅުވާލައިފިއެވެ.
އަށްޑިހަ ހަތް މެންބަރުން ހިމެނިވަޑައިގަންނަވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 80 މެންބަރުން ކަމަށް ބަލައިގެން މަޖިލީހުގެ ކޯރަމް ގުނުމަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރީ، ހުސްވި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާގައެވެ.
އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނާއިބު ރައީސްގެ ގޮތުގައި، ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އިންތިހާބު ކުރެއްވުމުގެ އިތުރުން އެ މަނިކުފާނުގެ ކެބިނެޓާއި ބައެއް ސިޔާސީ މަގާމުތަކަށް މަޖިލީހުގައި އޭރު ތިއްބެވި ބައެއް މެންބަރުން އައްޔަން ކުރެއްވުމާ ގުޅިގެން އެ ބޭފުޅުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދެއްވުމުން، މަޖިލީހުގެ ދައުރު ނިމެން ހަ މަސް ދުވަހުގެ މުއްދަތެއް އޮއްވައި ބައި އިލެކްޝަންތައް ނުބޭއްވުމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ، އެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ނުކުރަން އިލެކްޝަންސް ކޮމިޝަނުންވެސް ނިންމުމާ ގުޅިގެންނެވެ. ގަވާއިދު އެގޮތަށް ބަދަލުކުރި ސަބަބުތަކުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމާއި ބައެއް ކަންކަން ނިންމުމަށް ބޭނުންވާ ކޯރަމް ހޯދުމުގައި ދަތިތަކެއް ދިމާވުން ހިމެނޭ ކަމަށް މަޖިލީހުން ފާހަގަކޮށްފައިވެއެވެ.
ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާއަށް މި ބަދަލު ގެނައުމާއެކު، އެއީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި ބަދަލެއް ކަމަށްބުނެ، އެކަން ބާތިލުކުރުމަށް ބަންޑާރަބާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ނުކޮށް، ކުރިން ވެސް ގުނަމުން އައިގޮތަށް މަޖިލީހުގައި ތިބީ 87 މެންބަރުންގެ ގޮތުގައި ކޯރަމް ގުނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އޭޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނެވިއެވެ.
އޭޖީ އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ނެރުނު ކަމަށްވިޔަސް އެ އަމުރަށް ނުބަލައި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލީހުގައި ތިއްބެވީ 80 މެންބަރުންގެ ގޮތުގައި ބަލައިގެންނެވެ.
ނަމަވެސް މަޖިލިސް ގަވާއިދުގެ 49 (ޅ)ގެ ފަހަތަށް ތިން އަކުރު އިތުރުކޮށްގެން ގެނައި އެ އިސްލާހު، އޭގެ ފަހުން މަޖިލީހުގެ އާއްމު ކޮމިޓީން ބާތިލުކޮށް މަޖިލިސް ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއްގެ ގޮތުގައި ހިމެނިއެވެ.
އެގޮތުން ގަވާއިދުގެ 242 ވަނަ މާއްދާގެ އެކެއްގެ ގޮތުގައި ހިމަނާފައިވާ މި މައްދާގެ (ހ)ގައި ބުނަނީ، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކި ވުމުގެ ސަބަބުން މެންބަރު ކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާއްމު އިންތިހާބާ ދެމެދު 6 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން، ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ. އަދި (ށ)ގައި ބުނަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށް އަންނަ ބަދަލު، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލިސް ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ. ކޮމިޓީން ގެނައި މި ބަދަލު މަޖިލީހުން ފާސްކުރިއެވެ.
ގަވާއިދަށް ގެނައި މި ބަދަލާއެކު މަޖިލީހުގެ މެންބަރުން ގުނަމުންއައީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންގެ ވޯޓުން ރައީސްއާއި ނައިބު ރައީސް އަޒުލުވެސް ކުރެވޭނެއެވެ.
ބަންޑާރަނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ފަހަތަށް އެ މާއްދާގެ (ކ) އާއި (އ) އާއި (ވ) ގެ ގޮތުގައި ގެނައި އިސްލާހުގެ މައްސަލައަށް ވެފައި އެ އިސްލާހު މަޖިލީހުން ބާތިލު ކޮށްފައިވާތީ، އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ސުޕްރީމް ކޯޓުން ވަނީ ބަންޑާރަނާއިބާ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި ބަންޑާރަނާއިބުގެ ފަރާތުން އެދިވަޑައިގެންފައިވަނީ، އެ އަކުރުތައް ބާތިލު ކުރިނަމަވެސް އެ އަކުރުތަކަކީ ބާތިލު އަކުރުތަކެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން މި މަައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ، މަޖިލިސް މެންބަރުކަމުން އިސްތިއުފާދިން މެންބަރުންގެ ދާއިރާތައް ނުހިމަނައި، މަޖިލީހުގެ ޖުމުލަ އަދަދު ގުނުމަކީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާ އުސޫލާއި، 72 ވަނަ މާއްދާގެ ދަށުން އިންތިހާބީ ދާއިރާތައް ތަމްސީލު ކުރެވޭ ގޮތާއި، 26 ވަނަ މާއްދާގެ (ނ)ގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަށާއި، އަދި ހަތަރު ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަމަށް އޮންނަ އޮތުމާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ހުސް ގޮނޑިތައް ނުހިމެނޭގޮތަށް، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު، މަޖިލީހުން މާނަ ކޮށްފައި ވަނީ ގާނޫނުއަސާސީގެ 18 މާއްދާއަކާ ތައާރަޒުވާގޮތަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ، 49 ވަނަ މާއްދާގެ (ކ) (އ) އަދި (ވ) އަކީ ގާނޫނުއަސާސީގެ 286 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށްވީނަމަވެސް އެ އަކުރުތަކަކީ މިހާރު މަޖިލީހުން ބާތިލު ކޮށްފައިވާ އަކުރުތަކެއް ކަމުން އެ އަކުރުތަކާމެދު ކޯޓުން އަޅައިދެވޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ހުސްގޮނޑި ނުހިމަނައި މަޖިލިސް މެންބަރުން ގުނާގޮތަށް މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހެދުމަށް ގާނޫނުއަސާސީން މަޖިލީހަށް ލިބިގެންވާ އިހުތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި މަޖިލިސް ގަވައިދުގެ 242 ވަނަ މާއްދާއަށް އިތުރުކުރި ބައި އުވާލާފައި ނުވި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ މައްދާއަށް އަމަލު ކުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ. އެ މާއްދާ އުވާލެވޭނީ މަޖިލީހުން ކަމުގައިވާތީ ހުސް ގޮނޑި ނުލައި މެންބަރުން ގުނާ ގޮތަށް މަޖިލިސް ގަވާއިދުގެ 242 ވަނަ މާއްދާއަށް އިތރުކޮށްފައިވާ ބައި އުވާލުމާމެދު ގޮތެއް ނިންމައި އެ މާއްދާ އުވާލަދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަމަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވައިލެއްވިއެވެ.
ޚަބަރު
ޚަބަރު