އައްޑޫ ހުޅުމީދޫއާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އައްޑޫ ބުރިޖުގެ ސާވޭ ހެދުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ހުޅުމީދޫއާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ދުވަހު ވިދާޅުވެފައިވަނީ އައްޑޫ ބުރިޖުގެ ދިގު މިނުގައި 14 ކިލޯމީޓަރު ހުންނާނެ ކަމަށެވެ.

ރައީސް އޮފީހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައިވަނީ އަރަބް ކޮންޓްރެކްޓާސް އިން ބުރިޖުގެ ސާވޭގެ މަސައްކަތް ހިލޭ ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އަރަބް ކޮންޓްރެކްޓާސްއިން އެ މަސައްކަތް ހިލޭކޮށްދިން ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ އައްޑޫ ބުރިޖުގެ ސާވޭގެ މަސައްކަތަށް 30 މިލިއަން ރުފިޔާ ހިމަނައިފައެވެ.

ހުޅުމީދޫއާއި ހުޅުދޫއާ ދޭތެރޭގައި ބުރިޖެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ އެ ބުރިޖުގެ މަސައްކަތަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެގޮތުން ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިން ވަނީ އެ ބުރިޖުގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ހިލޭ ކޮށްދޭނެ ކަމަށް ސަރުކާރަށް އަންގާފައި ކަމަށެވެ.

އެ ބުރިޖުގެ މަޝްރޫއަށް ބޭނުންވާ މަސައްކަތް ހަފުތާ 14ގެ ތެރޭގައި ވެސް ރައީސް މުއިއްޒު ވަނީ ހިމަނުއްވައިފައެވެ.