އެ މަނިކުފާނާ ދިމާލަށް އަމާޒު ކުރާ ބަހަކާ ގުޅިގެން އެއްވެސް މީހަކަށް ފިޔަވަޅު އަޅައި އަދަބު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ އެމަނިކުފާނަށް ފާޑު ކިޔައިގެން އެސްޓީއޯގެ ރީޖަނަލް ފާމަސީތަކުގެ މެނޭޖަރު ޑީމޯޓު ކުރި ކަމަށްބުނާ މައްސަލައިގައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އޭނާއަށް ފިޔަވަޅު އެޅި ސިޓީގައި ބުނެފައިވަނީ އެ ފިޔަވަޅު އެޅީ ސަރުކާރުގެ އިސްބޭފުޅުންގެ އަބުރަށް އުނިކަން ލިބޭ ގޮތަށް، ޒިންމާދާރުކަން ކުޑަ ޕޯސްޓުތަކެއް ކޮށް، އޭގެ ސަބަބުން އެ ކުންފުންޏާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެދުމާ ގުޅިގެންނެވެ.

ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރެންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ މަޝްވަރާއާ އެކު ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ހުރިހާ މަސައްކަތެއް ކުރަންވަން ބޭނުންފުޅުވާ ކަމަށެވެ.

"އަޅުގަނޑާ ދިމާލަށް އެއްވެސް މީހަކު އެއްޗެއް ބުނުމަކުންނެއް ފިޔަވަޅެއް ނާޅާނަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ އަޑު އަހަން. ކްރިޓިސައިޒްވެސް ކުރަންވާނެ އެއީ ޕޮޒިޓިވް ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅުކުރަން ވިދާޅުވާ އެއްޗެއްނަމަ ވަރަށް ބޮޑަށް މަރުހަބާވެސް ކިޔާނަން. އަދި ހިތްހަމަނުޖެހިގެން ވިދާޅުވާ އެއްޗެއް ވިޔަސް ފިޔަވަޅެއް ނާޅާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ މުވައްޒަފުގެ މަގާމު ދަށްކުރި ކަމުގެ ވާހަކަ ނޫސްތަކުން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މަނިކުފާނު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ގުޅުއްވައި ކަން ހިނގި ގޮތް ސާފުކުރެއްވި ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅެއް އަޅާކަށް. އެކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސް އިރެއްގައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކޮންމެ މީހަކަށް ވެސް ކޮންމެ އެއްޗެއް ވެސް ބުނެވެންވާނެ ކަމަށެވެ. އަދި ހިތްހަމަ ނުޖެހޭނަމަ ބޭނުންވާ ވާހަކަ ދެއްކެންވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ އެސްޓީއޯގެ ރީޖަނަލް ފާމަސީތަކުގެ މެނޭޖަރު ޑީމޯޓު ކުރީ އެމަނިކުފާނަށް ފާޑު ކިޔައިގެން ކަމަށް އޭނާއަށް ފޮނުވި ސިޓީގައި ބުނެފައި އޮތް ނަމަވެސް އެއީ ހަގީގެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އެމްޑީ ވިދާޅުވީ އެކަހަލަ ކަމެއް ނޫނޭ އެއަށްވުރެ މާ ސީރިއަސް ކަންތައްތަކެކޭ. ތިމަންނަމެން ކުންފުނީގެ އޮންނަ އުސޫލުތަކާއި ތިމަންނަމެން ކުންފުނީގެ އޮންނަ ޕޮލިސީގެ ތެރެއިން ކުރިއަށް ގެންދިޔަ ކަންތައްތަކެކޭ އޮންނާނީ ގެންގޮސްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށާއި ކަންކަން ސާފުކޮށްދީ، ރައްޔިތުންނަށް ހަގީގަތް އެނގެން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ކިބައިން، އަޅުގަނޑުމެންގެ ސަރުކާރުގެ ކިބައިން، މިނިސްޓަރުން، އެމްޑީން، އަޅުގަނޑުމެންގެ އެމްޕީން މިހުރިހާ ބޭފުޅުންގެ ކިބައިން ފެނިވަޑައިގަންނަވާނީ ސާފު ބަހުން ތެދުބަހުން ވާހަކަ ދައްކާތަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތާ ހިލާފަށް ވިޔަސް އަބަދުވެސް ކަންކަން ކޮށްދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.