ކ. މާފުށީގައި ރޭ ފަތިހު ޒުވާނަކަށް ކަތިވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

މާފުށިން ވަން އޮންލައިންއަށް މައުލޫމާތުދިން މީހަކު ބުނީ އެ މާރާމާރީގައި އަނިޔާ ލިބުނު މީހާގެ ބޮލާއި މޫނާއި ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށެވެ. އެކަމާ ގުޅިގެން މާފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެމީހާ މާލެ ގެންގޮސްފައިވާ ކަމަށެވެ.

"އޭނާ ބޮލަށާއި މޫނަށް ހުރީ ކަތިވަޅިއަކުން ހަމަލާދީފައި. ބޮލުގެ ނާށިގަނޑުވެސް ފެންނަން އޮތީ. ނޭފަތުގެވެސް އެއްބައި ނެތް. އަނގަމައްޗަށްވެސް ވަރަށް ބޮޑަށް ހަމަލާދީފައި ހުރީ. އަދި ހަށިގަނޑުވެސް އެތައް ތަނަކަށް ހަމަލާދީފައި ހުރި. އަތުގައިވެސް ތިން ހަތަރު ތަނަކަށް ހުރި. ބަނޑުގައިވެސް ހުރި ވަޅިއަޅާފައި،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ޒުވާނާއަށް ހަމަލާދީފައިވަނީ ބަގީއެއް ދޭން ބުނުމުން އެކަމަށް ދެކޮޅު ހެދުމުން ކަމަށެވެ. އަދި ހަމަލާދީފައިވަނީ އޭނާ ބަގީގައި އިންދައި ކަމަށާއި ބަގީގައާއި އެސަރަހައްދުގައިވެސް ވަރަށް ބައިވަރު ލޭ ހުރި ހަމަށްވެސް ބުންޏެވެ..

އެ ޒުވާނާ ހޭނާރާ ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން މިއަދު ބުނީ، މާފުށީގައި ހިންގި މާރީއެއްގައި އަނިޔާ ލިބިފައިވާ މީހަކަށް މާފުށީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ރޭ ފަތިހު 5:30 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިހާރު އޭނާއަށް ފަރުވާދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށްވެސް ބުނެފައިވެއެވެ.

މާފުށީގައި މިައދު ހިނގި އިތުރު މާރާމާރީ އަކާ ގުޅިގެން ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ހައްޔަރުކުރި ދެ މީހުންނަކީ ފަތިހު ހިންގި މާރާމާރީގައި ބައިވެރިވި ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. މިކަމާބެހޭ އިތުރު ތަފްސީލެއްނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.