ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ ދެއްކެވީ މަޖާޒީ ގޮތެއްގައި ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިއްގަރަށް އިއްޔެ ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ މަޖިލީހުގެ ސަބަބުން ރައީސް މުއިއްޒަށް، އެ މަނިކުފާނުގެ ތަސައްވަރާއި ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑު ހަމަ ހިތަށް އަރާ، ހަމަ ހަގީގަތުގައި ވެސް، އަޅުގަނޑު އެތާ މިއަދު ވެސް ހުންނަ ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވޭނެ ބާވައޭ."

އާދަމް ޝަރީފުގެ އެ ވާހަކަތަކަށް ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ.

"ދަތްދޮޅު މި މަސް ބޭނުންކުރީ އެއްވެސް ހާލަތެއްގަ ވަޔަލެންސްއަށް ހިތްވަރު ދިނުމުގެ ނިޔަތުގައެއް ނޫން. އަޅުގަނޑާ ގުޅުވައިގެން ކިޔާ އެއްޗަކަށްވާތީ ހިޔުމާއަށް، މެޓަފޯއަކަށް ބޭނުން ކުރެވުނީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެން އެގޮތަށް އެކަން ވިސްނިވަޑައިގެންފައިވާނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އާދަމް ޝަރީފުގެ ވާހަކަތަކަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޖިލީހުން ބުނީ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. ސަރުކާރުގެ މިނިސްޓަރަކު މަޖިލީހުގެ މެމްބަރުންނަށް ޖިސްމާނީ އަނިޔާދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަ ދެއްކެވުމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މަޖިލީހުން ބުންޏެވެ.

"އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ދެއްކެވި ވާހަކަފުޅަކީ ވަޒީރަކު ވިދާޅުވުމަށް އެކަށީގެންނުވާ އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސްއެޅިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަައީސް އޮނަރަބަލް މުހައްމަދު އަސްލަމް ދެކެވަޑައިގަންނަވައެވެ.،" މަޖިލީހުން ބުންޏެވެ.

އަދި ބުނީ މަޖިލީހުގެ މެމްބަރުންނަށް އިންޒާރުތައް ލިބެމުންދާ މި ދަނޑިވަޅުގައި އާދަމް ޝަރީފް ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަޖިލީހުން ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުދިން ދިނުމަށް އެދޭ ކަމަށެވެ.