ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ވަކި ޕަސެންޓެއް ކައުންސިލްތަކަށް ލިބޭނެ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ވ. ކެޔޮދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ނަފާ ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރުން ކަމަށެވެ.

އެގޮތުން ކައުންސިލްތަކަށް އިތުރު އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށް ކޮންމެ ރަށަކަށް އެ ރަށަކާ ކައިރިން ނުވަތަ ދުރުންވިޔަސް ފަޅުރަށެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރެއްވިއެވެ.

"ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރުމަށް ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅަން އަޅުގަނޑު ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތްތަކުން ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ކޮންމެ ކައުންސިލަކަށް ލިބޭނެ ގޮތެއް ހައްދަވާނެ ކަމަށެވެ. އޭރުން ކޮންމެ އަހަރެއްގެ ބަޖެޓަށް ބަރޯސާ ނުވެ، ރަށްރަށުގައި ކުރަން ޖެހިފައި ހުންނަ ކަންކަން ކައުންސިލްތަކުގެ އަމިއްލަ ބަޖެޓުން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރަށް މާ ރަނގަޅަށް ކައުންސިލަރުން ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ މަޝްވަރާއާ އެކު ކުރިއަށް ގެންދަން ހަމަޖެއްސޭނެ،" ރައީސް ވިދާޅުވިއެވެ.