އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަންނަ އަހަރު ބޮޑު މަޝްރޫއެއް ފަށަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ވ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދަތުރުފުޅުތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ކުދިން، ސްކޫލުތަކުގެ ކުލާސްރޫމްތައް އޭސީ ކޮށްދިނުމަށް އެދެމުންދާ ކަމަށެވެ.
"އަންނަ އަހަރު އޭގެ ބޮޑު މަޝްރޫއެއް ފެށޭނެ. މިއަހަރުގެ ބަޖެޓުގައި އެވަރު ނެތީމަ. ކޮންމެ ގޮތެއްވިޔަސް އޭސީ ކުރެވިދާނެ، އެކަމަކު ކޮންމެ މަހަކު ބިލު އަންނާނެ. އެހެންވީމާ ދެމެހެއްޓެނިވި ކަމަކަށް ވާނީ ސޯލާ ޕަވާއަށް ދިއުން، ރިނުއަބަލް އެނާޖީއަށް ދިއުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، އޭސީކޮށް ފިނިކުރެވޭނެ ނިޒާމަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނެ ކަމަށާއި އެކަމާއެކު ކުދިންނަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ބައެއް ސްކޫލުތަކުގެ ބައެއް ކުދިންނާއި ޓީޗަރުން އޭސީ ކުރަން ބޭނުންނުވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދެން ބައެއް ސްކޫލުތަކުގައި ބައެއް ކުދިން، ބައެއް ޓީޗަރުން އެބަ ބޭނުންވޭ އޭސީ ނުކޮށް ބަހައްޓަން ވެސް، އަޅުގަނޑުމެން އެ އޮޕްޝަން ދޭނަން. ކޮންމެހެން މަޖުބޫރެއް ނުކުރާނަން، މަޖުބޫރެއް ނުވާނެ އެކަން ކުރާކަށް. އެކަން ކުރަން ބޭނުންވާ ސްކޫލުތަކުގައި އެކަމަށްޓަކައި އަޅުގަނޑުމެން މަގުފަހިކޮށްދޭނަން. އެހެންވީމާ މިކަހަލަ މަސައްކަތްތައް ކުރެވިގެން މިދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ބައެއް ކުދިންނާ ސަލާމްކުރެއްވުމުން، ކުޑަކުދިންގެ ޕާކެއް ނެތްކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް އެދެމުންދާ ކަމަށާއި އެއީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ. އަދި ކައުންސިލުތަކާ ގުޅިގެން ކުޑަކުދިންގެ ޕާކުތައް ހެދުމުގެ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު