ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، އައިޓީބީގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ކުންފުނިތައް ބައިވެރިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީން އިސް ނަގައިގެން ރާއްޖޭން ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ބައިވެރިވާ އައިޓީބީ ފެއާގައި މި އަހަރު ރާއްޖޭގެ 107 ޓޫރިޒަމް ވިޔަފާރި ކުންފުނިން، 214 މަންދޫބުން ބައިވެރިވެއެވެ. މި އަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ ވަފުދުގެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ.

އެމްއެމްޕީއާރުސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ އައިޓީބީ 2024 ގައި ޖަރުމަނާއި މުޅި ދުނިޔޭގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއެކު ވަރުގަދަ ގުޅުންތަކެއް ގާއިމުކުރުން ކަމަށެވެ.

އެގޮތުން އިން-ޕާސަން ބައްދަލުވުންތައް ބޭއްވުމާއި ބަދަލުވަމުން އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ މަލަމައްޗާއި ފަތުރުވެރިކަމުގެ ތަފާތު ހުށަހެޅުންތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަކީ އެ ހަރަކާތުގެ މުހިންމު ބައެއް ކަމަށްވެސް ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ، ރާއްޖޭގެ 504 އަކަމީޓަރުގެ ސްލޮޓެއްގައި ދެބުރިއަށް ހަދާފައިވާ ސްޓޭންޑުގައި 104 ކޯ އެގްޒިބިޓާ ކައުންޓަރާއި 60 ބީޓުބީ މީޓިން މޭޒު ހިމެނޭ ކަމަށެވެ. އަދި މި އަހަރުގެ ފެއާގައި "މޯލްޑިވްސް މީޑިއާ މީޓު" ގެ ނަމުގައި، ޖަރުމަނާއި ދުނިޔޭގެ މަޝްހޫރު މީޑިއާތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

އެ މައުލޫމާތު ދެއްވީ އެމްއެމްޕީއާރުސީގެ އެމްޑީ އަދި ސީއީއޯ ފާތުމަތު ތައުފީގުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ފައިސަލް އާއި އެމްއެމްޕީއާރުސީ ބޯޑުގެ ޗެއާޕާސަން ނޫރައިން ޖަނާހް އަދި ރައީސްގެ އެޑްވައިޒަރު މުހައްމަދު ހަލީލެވެ.

ދުނިޔޭގެ ލީޑިން ޓްރެވަލް ޓްރޭޑް ފެއާގެ ގޮތުގައި މަޝްހޫރުވެފައިވާ 160،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާ އައިޓީބީ ބާލިންއަކީ 90،000 އަށްވުރެ ގިނަ އިންޑަސްޓްރީގެ މަންދޫބުންނާއި 3،000 ބައިނަލްއަގުވާމީ މީޑިއާގެ މަންދޫބުންނާ ބައިވެރިން ޒިޔާރަތްކުރާ ފެއާއެކެވެ.