ގަރާޖުގެ ވެރި ފަރާތަށް ނޭނގި، އެ ގަރާޖަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައިވާ ގޮތުން އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާ އިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު ހުށަހެޅުމުން ކަމަށެވެ.

އެހެންކަމުން ގަރާޖުގެ ވެރިޔާގެ ހުއްދަ ނެތި، އުޅަނދު ރަޖިސްޓްރީ ކޮށްދިނުމަށް ހުށަހަޅާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

އަދި ބުނީ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީގެ ސައްހަކަން ކަށަވަރުކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.