ޖަލްސާ ބާއްވަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްޓަކައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ 9:00 ގައި ރިޔާސަތަށް ވަޑައިގެންނެވުމަށްފަހު ކޯރަމް ހަމަވޭތޯ ވަގުތުކޮޅެއް ބެއްލެވުމަށްފަހު ވިދާޅުވީ، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ އެންމެ 11 މެންބަރުން ކަމަށެވެ. އެހެންކަމުން ޖަލްސާ ބާއްވަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ 9:30 ގައި ޖަލްސާ ބާއްވަން ނިންމަވާ ކަމަށެވެ.

ނަމަވެސް 9:30 އަށްފަހު ޖަލްސާގެ ރިޔާސަތަށް ވަޑައިގެން ވަގުތު ކޮޅެއް ދެއްވުމަށްފަހުވެސް ކޯރަމް ހަމަނުވާތީ ގަފޫރު ވިދާޅުވީ، ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އަދި ދެން މަޖިލިސް ޖަލްސާ އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާ ރިޔަލް ސްޓޭޓް ވިޔަފާރީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

އޭގެ އިތުރުން ގާނޫނުއަސާސީގެ ދަށުން ހުށަހަޅުއްވާފައިވާ "އެގްރީމަންޓް އަންޑަ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސް ޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވާސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" ގައި ރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށްވެސް އެޖެންޑާގައިވެއެވެ.

އިބްތިދާއީ ބަހުސްގެ ގޮތުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް އެޖެންޑާގައިވެއެވެ.

މީގެ އިތުރުން ރައީސް މުއިއްޒުގެ ކެބިނެޓް މެންބަރުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިން ތިން މެންބަރުން އަލުން މަގާމުތަކަށް އައްޔަން ކުރި މައްސަލައާ ގުޅިގެން އީވާ ހުށަހެޅުއްވި ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުންވެސް އެޖެންޑާ ކޮށްފައި އޮތެވެ.

ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރެއިން މިއަދު ކުރިއަށް ގެންދަން އެޖެންޑާ ކޮށްފައި ވަނީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓާމެދު ގޮތެއް ނިންމުމެވެ.

މަޖިލިސް ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާ ކުރީ މީގެ ކުރިން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު ޖަލްސާ ބާއްވަމުން އައިގޮތަށް ބަދަލުގެނެސް ބޭނުންވާ ދުވަހެއްގައި ޖަލްސާ ބާއްވަން މަޖިލިސް އިދާރާއިން ނިންމުމާ ގުޅިގެން، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ ތިން ދުވަހު މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ގޮވާލާފައި ވަނިކޮށެވެ.

ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އެގޮތަށް ޖަލްސާތައް ބޭއްވުމަށް ގޮވާލައި މަޖިލީހަށް މައްސަލަވެސް ހުށަހަޅުއްވައިފައެވެ.