ބ. ތުޅާދޫގައި ފެންވަރު ރަނގަޅު އެއާޕޯޓެއް ހަދައި، އެ ރަށުގެ ބިން ހިއްކައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން ވަނީ ތުޅާދޫގައި އެއާޕޯޓެއް ހަދަން ނިންމައި، އެއާޕޯޓުގެ އެޅުމަށް ބޭނުންވާ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ފަށާފައެވެ. ނަމަވެސް އެ މަސައްކަތް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ.
ރައީސް މުއިއްޒު ބ. އަތޮޅާއި ރ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތުޅާދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ތުޅާދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ލަސްކޮށް، އަދި ހަގީގަތަކަށް ނުވާހެނެން ކަމަށާއި އެކަން ބަދަލުކޮށްދެއްވާނެ ކަމަށެވެ.
"އެންމެ ގިނަ ޒަމާންތަކެއްވަންދެން ތި ބޭފުޅުން އުންމީދުކުރަމުން އައީ އެއާޕޯޓުގެ ކަންތައް. ވަރަށް ލަސްކޮށްދާ ވަރަށް ފަނޑުކޮށްދާ ހަގީގަތަކަށް ނުވާނެހެން ހީވާ ގޮތަށް ދާކަމެއް. އެކަން ބަދަލުކޮށް، ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަވާ ފެންވަރުގެ އެއާޕޯޓެއް އަޅުގަނޑުމެން ހަދައިދޭނެ ވާހަކަ ދަންނަވަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތުޅާދޫ އެއާޕޯޓުގެ ސްކޯޕަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެ މަސައްކަތް އަވަސްކޮށްދެއްވާނެ ކަމަށެވެ.
ތުޅާދޫގެ ދުރު އަދި މެދު ރާސްތާގެ ޕްލޭނަށްވެސް އިތުރަށް ބިން ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތާއެކު، އެ ރަށުގެ ބިންވެސް ހިއްކައިދެއްވާނެ ކަމަށެވެ.
"އެއާޕޯޓުގެ މަސައްކަތް ހިނގަމުންދާއިރުގައި ރަށުގެ އެހެނިހެން ބޭނުންތަކަށް އެއީ ގެދޮރުވެރިކަމާއި އެކި ކަހަލަގެ ސިނާއަތްތަކަށާއި އިޖުތިމާއީ ބޭނުންތަކަށާއި އަދި މުސްތަގުބަލަށް ބާއްވަންވެސް ރިޒާވްކޮށްފައި ބާއްވާ ބިމާއެކުވެސް ބިން ހިއްކަން ޖެހޭނެ. އިރާދަކުރެއްވިއްޔާ މި ރަށުގެ މުސްތަގުބަލަށްޓަކައި އަދި މިހާރަށްވެސް ފުދޭނެ ބިން ހިއްކުމުގެ މަޝްރޫއެއް އަޅުގަނޑު ކުރިއަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތުޅާދޫގައި މިހާރު ނިމިފައި ހުރި ފްލެޓްތަކުގެ މައްސަލަ އޮތީ ކޯޓުގައި ކަމަށާއި އުންމީދަކީ އެކަންވެސް އަވަހަށް ނިމި ރައްޔިތުންނަށް އެތަންތަން ބޭނުންކުރެވޭ ގޮތްވުން ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ
ރައީސް އިތުރަށް ވިދާޅުވީ، ތުޅާދޫގައި ހޮސްޕިޓަލެއް އިމާރާތް ކުރުމާއި މަގުތައް ހެދުމާއި ޒުވާނުންނަށް އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައްވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު