މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅުގެ ކަނޑުއޮޅިން ދަތުރު ނުކުރެވޭގޮތަށް ބަނދު ކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، އެ ދެ ކަނޑުއޮޅި ބަންދުކުރީ، އެ ތަންތަނުން ދަތުރުނުކުރުމަށް ތަކުރާރުކޮށް މަނާކޮށް، ދަތުރު ނުކުރުމަށް އިލްތިމާސްކުރި ނަމަވެސް، ކަނޑުއޮޅި ބޭނުންކުރުން ނުހުއްޓޭތީ ކަމަށެވެ.

ހާއްސަކޮށް ރިޒޯޓްތަކުގެ ސްޕީޑުބޯޓުފަހަރު މިދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ދެ ކަނޑުއޮޅިން ދަތުރުކުރުން މަނާކުރީ، މާލެ-ތިލަފުށި ލިންކު މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކަށް ބާޖާއި، ސެލްފް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން، އެދެ ކަނޑުއޮޅީގައި މަސައްކަތް ކުރަމުންދާތީއެވެ. އަދި ދެ ކަނޑުއޮޅީގައިވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި އެކިއެކި ވާތަށް އަޅާފައި އޮތުމުން އެ ދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެތީ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިދެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ މިދެ ކަނޑުއޮޅި ބަންދު ކުރީ ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ އެފަރާތެއްގެ ލައިސަންސް އެއް މަސް ދުވަހަށް ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ގޮތަށް މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް މީގެފަހުން ހިފެހެއްޓޭނެ ކަމަށްވެސް ބުނެފައިވެއެވެ.