ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ނުބާއްވާތީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގައި ތިންވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި ހިނގާ އާއްމު ޖަލްސާތައް މަދުވެގެން ހަފުތާއަކު ތިން ދުވަހު ބާއްވަން ވާނެ ކަމަށް މަޖިލިސް ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޖަލްސާތައް ބާއްވަންޖެހޭ ދުވަސްތަކާއި ތާވަލު އޮންނަންޖެހޭ ގޮތް އެ ގަވާއިދުގެ 25 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެ ދުވަސްތަކަކީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަހަތާ ގުޅުންހުރި އަދި ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ޒިންމާތަކާ ގުޅުންހުރި އެތައް މަސައްކަތްތަކެއް މިހާރުވެސް ކުރަން ހުރި އިރު، މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް މަޖިލިސް ޖަލްސާތައް ނުބާއްވައި ހުއްޓާލުމަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް ބޮޑު ގެއްލުމެއްވާނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެކަމަކީ ދައުލަތާއި ސަރުކާރު ޖަވާބުދާރީކުރުވައި ފާރަވެރިވުމަށް މަޖިލީހުން ކުރަންހުރި މަސައްކަތްތަކަށް ހުރަސްއެޅިގެންދާ ކަމަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ހަސަން ލަތީފް ހުށަހެޅި މައްސަލައިގައި ވަނީ ގޮވައިލައްވައިފައެވެ.

މަޖިލިސް ޖަލްސާތައް އާއްމުކޮށް ބާއްވަމުން އަންނަ ދުވަސްތަކުގައި ޖަލްސާތައް ނުބާއްވަން މި ހަފުތާއިން ފެށިގެން ވަނީ ނިންމައިފައެވެ.

މަޖިލިސް އިދާރާއިން ބުނީ ޖަލްސާތައް ނުބާއްވަން ނިންމީ، ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާކޮށްފައި ކަމަށެވެ.